ރިޔާސީ ޓިކެޓުގައި ނަޝީދުގެ ފަހަތަށް ފައްޔާޒު ޖެހިވަޑައިގަތުމަށް ބޮންޑެ ގޮވާލައްވައިފި
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވަން ޖެހޭ ކަމަށާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ފަހަތަށް ޖެހިވަޑައިގަތުމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދާއި ފައްޔާޒް އެކުގައި ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބޮންޑެ ވިދާޅުވީ، އެމްޑީޕީގެ އާންމު މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ތަކުރާރުކޮށް ބުނަމުންދަނީ ޕްރައިމަރީގައި ރައީސް ނަޝީދުގެ ނަންފުޅު ނެތްނަމަ އެއްވެސް ގޮތަކަށް ވޯޓުލާން ނުނިކުންނާނެ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ރައީސް ނަޝީދު އަދި ނައިބު ރައީސްގެ މަގާމަށް ފައްޔާޒު ހަމަޖައްސަވައިގެން ނުކުތުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ބޮންޑެ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފައްޔާޒަށް ތާއީދު ކުރެއްވުމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް، މި ފަހަރު އާންމު މެންބަރުން އެގޮތަށް ވޯޓު ދޭނެ ކަމަކަށް ނުބެލެވެއެވެ. އަދި ވެރިކަން ލިބުމުން ވެފައިވާ ވައުދުތަކާއި އިތުބާރުގެ މަތިން ހަނދާން ނެތޭކަން ތާރީހުން ފެންނަން އޮތް ކަމަށް ވިދާޅުވެ، ބޮންޑެ ވަނީ ފައްޔާޒު ވެރިކަމަށް ކުރިމަތިލެއްވުން 2033 ވަނަ އަހަރަށް ފަސްކުރެއްވުމަށް ބާރުއަޅުއްވާފައެވެ.
ފައްޔާޒު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މީގެކުރިން ހާމަކުރައްވާފައެވެ. އަދި ރައީސް ނަޝީދު ވެސް ވިދާޅުވެފައިވަނީ މި ފަހަރުގެ އިންތިހާބުގައި އެމަނިކުފާނު ވާދަނުކުރައްވާނެ ކަމަށާއި، ފުރިހަމަ ތާއީދު އޮތީ ފައްޔާޒަށް ކަމަށެވެ. ނަމަވެސް، ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި ޕާޓީގެ ގިނަ ސަޕޯޓަރުން އަދިވެސް ބޭނުންވަނީ ރިޔާސީ ރޭހަށް އެމަނިކުފާނު ނުކުމެވަޑައިގަތުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް