ރައީސް ޑރ. މުޢިއްޒު ފަދައިން ޕާޓީ ހިންގެވި ވެރިއަކު މިހާތަނަށް ދެކެވަޑައިނުގަންނަވަން: އަބްދުއްރަހީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަދައިން ސިޔާސީ ޕާޓީއެއް ހިންގެވުމުގައި ނަމޫނާ ދައްކަވައި، ހަރުދަނާ އުސޫލުތަކަކުން ޕާޓީ ހިންގެވި ވެރިއަކު މިހާތަނަށް ދެކެވަޑައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ކޮންގްރެސް ފޯރި" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މީގެ ކުރިން ކޮންގްރެސްތަކުގައި ވޯޓުދިނުމުގެ ކުރިން ހޮވަންވީ ވަކި ބައެއްގެ ލިސްޓު ނެރުނު ނަމަވެސް، ޕީއެންސީގައި މިއަދު އެފަދަ އެއްވެސް ލިސްޓެއް ނޯންނާނެ ކަމަށެވެ. އަދި ކޮންމެ ބޭފުޅަކަށްވެސް ވާދަކުރުމާއި ކެމްޕޭން ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށާއި، މިހާތަނަށް ތަޖުރިބާކުރެވުނު ދުވަސްތަކުގައި ޕާޓީއެއްގެ ގޮތުގައި މިހާ ފުރިހަމައަށް ޕާޓީ ހިންގަވަން މަސައްކަތްކުރެއްވި ވެރިއަކު ފެނިވަޑައިގެންފައި ނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ ލީޑަޝިޕްގެ ދަށުން ޕާޓީއަށް ލިބުނު ކުރިއެރުމުގެ ހެއްކެއްގެ ގޮތުން އަބްދުއްރަހީމް ފާހަގަކުރެއްވީ، 17 ނޮވެމްބަރު 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޕާޓީގައި ތިބީ އެންމެ 3،022 މެންބަރުން ކަމުގައި ވީނަމަވެސް، މިއަދު އެ އަދަދު 77،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމެވެ. ކުރިން ޑީއާރުޕީ، އެމްޑީޕީ އަދި ޕީޕީއެމްގެ ވެރިކަމުގައި ވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު ކުރިއެރުމެއް ފެނިފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މެންބަރުންގެ އަދަދު މިހާ ބޮޑަށް އިތުރުވެގެން ދިޔައީ ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ އުސޫލުތަކާއި، ޕާޓީގެ މެންބަރުންނާ ބާއްވަވާ ގާތް ގުޅުމުގެ ސަބަބުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށްފަހު ވަގުތު ހޯއްދަވައިގެން ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް އަޑުއެއްސެވުމަކީ ރައްޔިތުންގެ ޝައުގުވެރިކަން ޕާޓީއަށް އިތުރުވި މައިގަނޑު އެއް ސަބަބު ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ޕާޓީގެ އޮފީސް ހިންގުމުގައްޔާއި، ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ސައުންޑް ސިސްޓަމާއި ކޮމްޕިއުޓަރު އަދި ގޮނޑި ފަދަ ހުރިހާ ވަސީލަތްތައް ފޯރުކޮށްދިނުމުގައި ވެސް ރައީސް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި ޕީއެންސީގެ ޖަގަހައެއް ގާއިމުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ސެޕްޓެމްބަރު 15 ގައި ފެށުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސްގެ ކުރިން، ސެޕްޓެމްބަރު 14 ވަނަ ދުވަސް އެއްކޮށް ރައީސް ޑރ. މުޢިއްޒު ހުސްކުރައްވާފައިވަނީ ކޮންގްރެސްއަށް ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން ސްޓިއަރިންގ ކޮމިޓީތަކުގެ ރައީސުންނާއި، އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތަކުގެ ވެރިންނާއި، ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ރައީސުންނާ ވަކިވަކިން ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މިއީ މީގެ ކުރިން އެއްވެސް ޕާޓީއެއްގެ ކޮންގްރެސްއެއްގައި އެންމެ އިސްވެރިޔާގެ ފަރާތްޕުޅުން ފެނިފައިނުވާ ފަދަ ގާތްކަމެއް ކަމަށާއި، މިކަމުން ދައްކުވައިދެނީ ރައްޔިތުންނާ ގާތުން މަޝްވަރާގެ އުސޫލުން ކަންކަން ކުރިއަށް ގެންދެވުމަށް ރައީސް ޑރ. މުޢިއްޒު ދެއްވާ އަހައްމިއްޔަތުކަން ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް