ތިލަފުށީ ބަނދަރުގެ މަޝްރޫޢު ހަވާލުކުރެވުނީ ސަރުކާރުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން: އިކޮނަމިކް މިނިސްޓްރީ
ތިލަފުށީގައި ތަރައްޤީކުރާ އައު ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރުގެ މަޝްރޫޢުގައި، ދިވެހި ސަރުކާރުން ވަކި ޚާރިޖީ ބައިވެރިއަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަހަކަށް އައިސް މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ދޮގުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޝްރޫޢު ހަވާލުކުރެވިފައިވަނީ މިފަދަ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ނިންމުމަކީ ހަމައެކަނި ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ ތަރައްޤީގެ އިސްކަންދޭ ކަންކަމަށް ރިޢާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، މިއީ ރާއްޖޭގެ އެއްވެސް ބައިވެރިއަކާމެދު ވަކި ގޮތަކަށް ދެކޭ ދެކުމެއް ނުވަތަ ގުޅުމަށް އައި ބަދަލެއް ދައްކުވައިދޭ ކަމެއް ނޫން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން، ބަނދަރު ތަރައްޤީކުރުމާއި، އޭގެ މިލްކުވެރިކަމާއި، ހިންގުމުގެ ފުރިހަމަ ބާރު އަބަދުވެސް އޮންނާނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަކީ އެއްވެސް ދޫދިނުމެއް އޮތް ކަމެއް ނޫން ކަމަށާއި، ޤާނޫނާއި ޤައުމީ މަޞްލަޙަތު ހުއްދަކުރާ މިންވަރުން ބޭރުން، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ނިންމުންތަކުގެ މައްޗަށް ބަސްބުނުމުގެ އެއްވެސް ޙައްޤެއް މާޒީގައި ވިޔަސް އަދި މިހާރު ވިޔަސް އެއްވެސް ބައިވެރިއަކަށް ލިބިގެން ނުވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވީ، "ތިލަފުށީ ބަނދަރަކީ ދިވެހި ރައްޔިތުންނަށާއި ޤައުމުގެ ދިގު މުއްދަތުގެ ފާގަތިކަމަށް ޚިދުމަތްކުރާނެ ތަނެކެވެ. މި މަޝްރޫޢު ހަވާލުކުރެވުނީ ސަރުކާރުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިންނެވެ. އަދި މިއީ އަޅުގަނޑުމެންގެ އެއްވެސް ބައިވެރިއަކާމެދު ދެކޭގޮތް ހާމަކުރުމެއްގެ ގޮތުގައި މާނަކޮށްގެން ނުވާނެއެވެ. އެ ހުރިހާ ބައިވެރިންނަކީވެސް ރާއްޖެއިން އަބަދުވެސް އަގުވަޒަންކުރާ ބައިވެރިންނެވެ."
ސަރުކާރުގެ "ދިވެހިން އިސްކުރާ" (މޯލްޑިވްސް-ފަސްޓް) ޚާރިޖީ ސިޔާސަތަކީ، އަބަދުވެސް ރާއްޖޭގެ އިސްތިޤްލާލާއި ޤައުމީ މަޞްލަޙަތު އިސްކޮށް، ހުރިހާ ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ބިނާކުރަނިވި ގޮތެއްގައި ގުޅުން ދެމެހެއްޓުމުގެ ސިޔާސަތެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް