23 އަހަރުވީ ބިމުގެ މައްސަލައަކަށް ހައްލު ހޯދައިދިނުމުގައި ޢަމަލުކުރި ގޮތް ބަލަން ހައުސިންގ މިނިސްޓްރީން އޭސީސީއަށް ހުށަހަޅައިފި
ގާތްގަނޑަކަށް 23 އަހަރު ވެފައިވާ ބިމުގެ މައްސަލައަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ނިންމި ނިންމުމެއްގައި އެއްވެސް އުސޫލަކާ ޚިލާފު ކަމެއް ހިނގާފައިވޭތޯ ބަލައިދިނުމަށް އެދި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އެ މައްސަލަ އަމިއްލައަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
ހައުސިންގ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ، އެ މިނިސްޓްރީގެ އިންޓަރނަލް މެމޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެކަމުގެ ޙަޤީޤަތް ސާފުކޮށްދިނުމަށް ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ބަޔާނުގައި ވާގޮތުން، 22 ޑިސެންބަރު 2003 ގައި އޭރުގެ ހޯމް މިނިސްޓްރީގެ ދަށުން ހިންގި "ރަށުތެރެއިން ވިއްކާ 56 ގޯތި" ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 1 އިން އަލްފާޟިލް އަޙްމަދު ޒާހިރު ނަމަކަށް ކިޔާ ބޭފުޅަކަށް 904 އަކަފޫޓުގެ ބިމެއް 339,000 ރުފިޔާއަށް ވިއްކުމަށް ކަނޑައަޅައި ލިޔުން ދޫކޮށްފައިވެއެވެ. ނަމަވެސް، ވޭތުވެދިޔަ އެކި ސަރުކާރުތަކުގައި ތަކުރާރުކޮށް އެދުމުންވެސް، މިއަދާ ހަމައަށް އެ ބިން އޭނާއާ ހަވާލުކޮށްފައެއް ނުވެއެވެ.
އެހެންކަމުން، ގާތްގަނޑަކަށް 23 އަހަރުވީ މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުގައިވެސް އެދެމުންދާތީ، އޭނާގެ ދިރިއުޅުމުގެ ހާލަތަށް ބަލައި، ކުރިން އެއްބަސްވެފައިވާ ވިޔަފާރި އުސޫލުތަކާ އެއްގޮތަށް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބިމެއް އޭނާއަށް ވިއްކުމަށް ވަނީ ނިންމާފައެވެ.
މިގޮތުން ވިއްކުމަށް ނިންމި ބިމަކީ، ކުރީ ސަރުކާރުގެ "ބިންވެރިޔާ ސްކީމު"ގެ ދަށުން އަސާސީ ޝަރުތު ހަމަނުވާ ފަރާތަކަށް ދީފައި އޮތުމުން އެއްބަސްވުން ބާތިލުކޮށް މިހާރު ހުސްކޮށް އޮތް ބިމެކެވެ. އަދި މި ބިން ވިއްކުމަށް ނިންމާފައިވަނީ، "ބިންވެރިޔާ ސްކީމު"ގެ ދަށުން ގުޅީފަޅުން އަޙްމަދު ޒާހިރަށް ލިބިފައިވާ ފުލެޓާ ގުޅޭ އެންމެހައި ޙައްޤުތައް އޭނާ ދޫކޮށްލުމަށް އެއްބަސްވުމުން ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ހައުސިންގ މިނިސްޓްރީން އިތުރަށް ފާހަގަކުރި ގޮތުގައި، ބޯހިޔާވަހިކަމަކީ ރައްޔިތުންގެ ނާޒުކު މައްސަލައަކަށް ވާތީ، މި މައްސަލައިގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެލުމަށް މައްސަލަ އޭސީސީއަށް ހުށަހެޅީ މިނިސްޓްރީން އިސްނަގައިގެންނެވެ. އަދި އެ ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާމެދު ފަހުގެ ނިންމުން ނިންމާނީ އޭސީސީގެ ބަހަކާއި، ޤާނޫނީ ލަފާ ހޯދުމަށްފަހުގައި ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް