ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން ފައިސާ ނެގުމުން ނަގާ 'ކްރޮސް ބޯޑަރ' ފީ ބީއެމްއެލްއިން އުވާލައިފި
ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު ކުރިން ނަގަމުން އައި 'ކްރޮސް ބޯޑަރ' ފީ، މިރެއިން ފެށިގެން ނެގުން ހުއްޓާލުމަށް ނިންމާފައިވާކަން ޤައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ނިންމުމުގެ ސަބަބުން، ރާއްޖޭން ބޭރުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ދިރިއުޅުމުގެ ޚަރަދުތަކަށާއި ކިޔެވުމުގެ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ޚަރަދަކާ ނުލައި ފުރިހަމައަށް ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ކުދިންގެ އާއިލާތަކަށް މާލީ ގޮތުން ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް ކަމުގައި ބޭންކުން ފާހަގަކުރެއެވެ.
'ކްރޮސް ބޯޑަރ' ފީއަކީ ބޭރު ޤައުމުތަކުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން މުޢާމަލާތްތައް ހިންގާއިރު ނުވަތަ އޭޓީއެމްތަކުން ފައިސާ ނަގާއިރު ބޭންކުން ނަގަމުން އައި އިތުރު ފީއެކެވެ. މިއީ ބޭންކް އޮފް މޯލްޑިވްސްއިން ކާޑުގެ ޚިދުމަތް ތަޢާރަފުކުރި ދުވަސްވަރުން ފެށިގެން ނަގަމުން އައި ފީއެކެވެ. ނަމަވެސް، މި ފީ ނެގުން ހުއްޓާލުމާއެކު ދަރިވަރުންނަށް އެލަވަންސްގެ ގޮތުގައި ލިބޭ 1200 ޑޮލަރު އެއްވެސް އުނިކަމެއް ނެތި ފުރިހަމައަށް އަތަށް ލިބޭނެ މަގު ވަނީ ތަނަވަސްވެފައެވެ.
މީގެ އިތުރުން، ބޭންކުތަކުން ނަގާ 'އޮޕްޝަނަލް އިޝުއަރ ފީ' އަކީ ކާޑު ދޫކޮށްފައިވާ ބޭންކުން ބޭރު ފައިސާގެ މުޢާމަލާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގައި ކުރާ މުޢާމަލާތްތަކުން ނަގާ ފީއެކެވެ. ކާޑު ނުވަތަ އެކައުންޓުގައި ހުރި އަސްލު ފައިސާ ނޫން އެހެން ފައިސާއަކުން ވިޔަފާރިކުރުމުން ނުވަތަ ފައިސާ ނެގުމުން، އެ މުޢާމަލާތްތައް ވިސާ ނުވަތަ މާސްޓަރކާޑު ފަދަ ބައިނަލްއަޤްވާމީ ޕޭމަންޓް ނެޓްވޯކްތައް މެދުވެރިކޮށް ޕްރޮސެސްކުރަން ޖެހެއެވެ. އަދި އެކަމަށް ހިނގާ ޚަރަދުތައް ފޫބެއްދުމުގެ ގޮތުން މުޢާމަލާތުގެ ޖުމްލަ އަދަދުން ވަކި އިންސައްތައެއް މި ފީގެ ގޮތުގައި އާންމުކޮށް ނަގައެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅޭ އަދި ކިޔަވަމުންދާ ދިވެހިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމަށް ސަރުކާރުންނާއި ކަމާބެހޭ މުއައްސަސާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބީއެމްއެލްއިން މި ގެނައި ބަދަލަކީ ބޭރުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް