ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކިޔެވުމަށް އިސްކަންދިނުމަށް ރައީސް މުޢިއްޒު ދަރިވަރުންނަށް އިލްތިމާސްކުރައްވައިފި
އޯލެވެލް އިމްތިޙާނު ހަދަމުންދާ ދަރިވަރުންނާއި އޭލެވެލް އިމްތިޙާނަށް ތައްޔާރުވަމުންދާ ދަރިވަރުން، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކިޔެވުމަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ޕީއެސްއެމްގެ ނޭޝަން ޗެޓް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، މައިންބަފައިންގެ ބަސްއަހައި، ނަމާދުތަކަށް ފަރުވާތެރިވުމަށް ދަރިވަރުންނަށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ. އަދި މިފަދަ ހެޔޮ އާދަތަކުގެ ސަބަބުން އިމްތިޙާނުތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސްކޫލް ދައުރުގެ އުފާވެރިކަން ލިބިގަތުމާއެކުވެސް، ދަރިވަރެއްގެ އެންމެ މުހިންމު ޒިންމާއަކީ އަދި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ އަމިއްލަ ތަޢުލީމަށްކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ އަމިއްލަ ސްކޫލް ދައުރުގެ ހަނދާންތައް އައުކުރައްވަމުން ވިދާޅުވީ، އަބަދުވެސް އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށާއި، އޯލެވެލް އިމްތިޙާނުގައި ސްކޫލުން ކިޔަވައިދިން މާއްދާތަކުގެ އިތުރުން އިތުރު މާއްދާތައްވެސް އަމިއްލަފުޅަށް އިމްތިޙާނު ހެއްދެވި ކަމަށެވެ.
މި އަހަރުގެ އިމްތިޙާނުތައް ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި އަހަރު އައިޖީސީއެސްއީ (އޯލެވެލް) އިމްތިޙާނުގައި 8،111 ދަރިވަރުން އަދި އެޗްއެސްސީ (އޭލެވެލް) އިމްތިޙާނުގައި 7،776 ދަރިވަރުން ބައިވެރިވެއެވެ. މާލެ ސަރަޙައްދުގައި 3،222 ދަރިވަރުންނަށް ޚާއްޞަކޮށްގެން 25 ސެންޓަރު ޤާއިމުކޮށްފައިވާއިރު، އަތޮޅުތަކުގެ 2،869 ދަރިވަރުންނަށްޓަކައި 242 އިމްތިޙާނު ސެންޓަރު ވަނީ ޤާއިމުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް