ޔާމީނަށް ދެން ވެރިކަމުގެ ވަސްވެސް ނުދުވާނެ: ފަލާޙް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢަކީ ޤާނޫނާ ޚިލާފު، ބޮޑު އިސްރާފެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކަށް، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރަސްމާލެ މަޝްރޫޢުގެ އެއްބަސްވުމަކީ ޤާނޫނާ ޚިލާފު އެއްބަސްވުމެއް ކަމަށާއި، ދެން އަންނަ ސަރުކާރަކުން އެ ބަލައިގަންނަން ނުޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ފަލާޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓަކީ ވަރަށް ބޮޑު އިސްރާފެއް އަދި ބޭކާރު ޚަރަދެއް ކަމަށް ޔާމީން އިއްޔެ ވިދާޅުވި ނަމަވެސް، އެއީ މި ޤައުމުގައި ދުވަހަކުވެސް ހިންގާފައިނުވާ ފަދަ ބިޔަބޮޑު މަޝްރޫޢެއް ކަމަށެވެ.
ފަލާޙް ވިދާޅުވީ މިފަދަ ބިޔަ މަޝްރޫޢެއް ސަރުކާރުން ފެށުމުން ރައީސް ޔާމީނަށް "މޭކަރާ ލޮލަށް ނިދިނައިސްގެން" އުޅެނީ މި ޤައުމާއި ރައްޔިތުންނަށް އެމަނިކުފާނުގެ ހިތްޕުޅުގައި އެއްވެސް ކުލުނެއް ނެތުމުން ކަމަށެވެ. އަދި ދަޢުލަތުގެ ޚަޒާނާ ކާލައިގެން ހުންނެވި ބޭފުޅަކަށް ދެން ދުވަހަކުވެސް ވެރިކަމުގެ ވަސްވެސް ދުވާ ހިސާބަކަށް ނާދެވޭނެ ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.
"އިންޝާﷲ، ތި ރާވާ އެއްވެސް ނުބައި ރޭވުމެއް ކާމިޔާބެއް ނުވާނެ. އަމިއްލައަށް ވެރިކަން ކުރި ގޮތް ހަނދާންކޮށްލާފައި ކަރުދާސްކޮޅެއްގައި ރައީސްގެ ނަން ޖަހާލައިގެން ބޯދަށަށް ލައިގެން ދެން ނިދާލާ،" ޔާމީނަށް ފާޑުވިދާޅުވަމުން ފަލާޙް ލިޔުއްވާފައިވެއެވެ.
މީގެއިތުރުން ފަލާޙް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި މި ޤައުމަށް ލިބެމުންދާ ތަރައްޤީއާއި ކުރިއެރުން އަދި ކާމިޔާބީތައް ރައީސް ޔާމީނަށް "އެއްގޮތަކަށްވެސް ހަޖަމުނުވަނީ" ކަމަށެވެ.
ރަސްމާލެ މަޝްރޫޢަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދަށްވާއިރު، އިދިކޮޅު ފަރާތްތަކުންނާއި ކުރީގެ ރައީސް ޔާމީން ގެންދަވަނީ މި މަޝްރޫޢަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް