ކުރިމަތިވެދާނެ ބަލިމަޑުކަމަކަށް ތައްޔާރުވުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަން ބޭނުންވޭ: ފޮރިން މިނިސްޓަރު
ދުނިޔެއަށް ކުރިމަތިވެދާނެ ޞިއްޙީ ކުއްލި ނުރައްކާތަކާއި ބަލިމަޑުކަމަކަށް ތައްޔާރުވުމަށާއި، ޞިއްޙީ ނިޒާމުތައް ހަރުދަނާކުރުމަށްޓަކައި ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތައް (ސިޑްސް) އަށް ދެމެހެއްޓެނިވި އަދި ކުރިޔާލައި ލިބޭ މާލީ އެހީތެރިކަން ކޮންމެހެން ބޭނުންވާކަމަށް ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި ބޭއްވުނު، ބަލިމަޑުކަމުން ރައްކާތެރިވުމާއި، ތައްޔާރުވުމާއި، އިޖާބަދިނުމާ ބެހޭ މަތީ ފެންވަރުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމަކީ އދ. ގެ ޢާންމު މަޖިލީހުގެ ޤަރާރު 79/333 ގެ ދަށުން، 2023 ވަނަ އަހަރުގެ ސިޔާސީ އިޢުލާނު ތަންފީޛުކުރުމުގެ މަސައްކަތްތައް މުރާޖަޢާކޮށް، ދުނިޔޭގެ ފެންވަރުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ބޭއްވި ދެވަނަ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ޙާލަތްތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ފާހަގަކުރެއްވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދުގެ ތިންބައިކުޅަ އެއްބައި ގެއްލި، 15 އަހަރުގެ ތަރައްޤީގެ ކުރިއެރުން ފަހަތަށް ދިޔަކަމަށެވެ.
އެހެންކަމުން، ސިޑްސްގެ ޤައުމުތަކަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަމުގެ އިތުރުން، ވެކްސިނާއި، ޑައިގްނޯސްޓިކް ވަސީލަތްތަކާއި، ބޭސް ފަސޭހައިން ލިބޭނެ ހަރުދަނާ ސަޕްލައި ޗޭންތަކެއް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށާއި، ޓެކްނޮލޮޖީ ބަދަލުކުރުމަށާއި، ބަލިތައް ދެނެގަންނަ ނިޒާމުތަކާއި ލެބޯޓްރީ ނެޓްވޯކްތައް ވަރުގަދަކުރުމަށް އިންވެސްޓްކުރުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ގުޅުންތަކަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރައްވަމުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޕެންޑެމިކް އެގްރީމަންޓާއި ބައިނަލްއަޤްވާމީ ޞިއްޙީ ގަވާއިދުތަކަށް ރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރު ދެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ކާމިޔާބު ގޮތެއްގައި ބަލިމަޑުކަމަކަށް ތައްޔާރުވެވޭނީ ފަސޭހައިން ލިބޭނެ މާލީ އެހީއާއި ޒަރޫރީ ވަސީލަތްތައް ހުރެގެން ކަމަށެވެ. އަދި މިއީ ހަމައެކަނި އިންސާނީ ފުރާނަ ސަލާމަތްކުރުމަށް އެކަނި ކުރާ ކަމެއް ނޫން ކަމަށާއި، ޤައުމުތަކުގެ ތަރައްޤީގެ ކުރިއެރުންތައް ރައްކާތެރިކޮށް، އަމިއްލަ މުސްތަޤުބަލު ކަނޑައެޅުމުގެ ބާރު ދެމެހެއްޓުމަށްޓަކައިވެސް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ހަމަހަމަކަމާއި އެއްބައިވަންތަކަމާއެކު، އަންނަން އޮތް ޖީލުތަކަށްވެސް ފައިދާކުރާނެ ފަދަ ގޮތަކަށް، ބަލިމަޑުކަމާއި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކާތަކުން ރައްކާތެރިވުމުގެ ބައިނަލްއަޤްވާމީ އޮނިގަނޑެއް އެކުލަވާލުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް