3 މިނިސްޓްރީގައި ކޮންޓްރޯލް ނުވެ އަލިފާން ރޯވީ ނިއްވަން ދަތި ތަންތަނުގައި ނަރުތައް ހުރުމުގެ ސަބަބުން، ރޯވީ ޝޯޓެއް ވެގެން: ފުލުހުން
ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓް ސާކެޓެއްގެ ސަބަބުން ކަމަށާއި، އަލިފާން ކޮންޓްރޯލް ނުވެ ފެތުރިގެން ދިޔައީ ސީލިންގާއި ޑަކްޓްތަކުގެ ތެރޭގައި ހުރި ނަރުތަކުގައި އަލިފާން ހިފުމުން އަލިފާން ހޯދައި ނިއްވާލުމަށް ދަތިވުމުން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، ހައުސިން އިމާރާތުގެ ތެރޭގައި އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންނާއި، ފުލުހުން އަދި ބައެއް މުވައްޒަފުން އަލިފާން ރޯވެފައި ހުރި ތަންތަން ހޯދަމުންދަނިކޮށް، ހެނދުނު 7:16 ގައި ސީލިން ތެރެއިން އަލިފާން ރޯވެފައި ހުއްޓާ ވަނީ ފެނިފައި ކަމަށެވެ.
އޭނާ ވިދާޅުވީ 7:16 ގައި ފެނުނު އަލިފާން ނިއްވާލުމަށްފަހުގައި ވެސް ސީލިންގެ އެކި ހިސާބުތަކުގައި އަލިފާން ހުރިކަން ފާހަގަކުރެވިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން އެތަނުން މީހުން ބޭރުކުރުމަށާއި، އަލިފާން ހޯދައި ނިއްވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހުޅުގަނޑު ފަޅައިގެން ގޮސް ފެތުރިގެން ދިޔަ ކަމަށެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީީ އެދުވަހުގެ މެންދުރު 12:46 ހާއިިރު، އެހެންނަމަވެސް މުޅިތަން އެއްކޮށް ނިއްވާލެވިފައިވަނީ 15:30 ގައި. ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖްތައް އެނަލައިޒް ކުރުމުން 11 ޑިސެމްބަރު 2024 ވަނަ ދުވަހުގެ 16:00 އިން ފެށިގެން 12 ޑިސެމްބަރު 2024 ވަނަ ދުވަހުގެ ދަންވަރު 12:40 އާއި ހަމައަށް އިމާރާތް ހުންނަ ބްލޮކަށް މިނިސްޓްރީގެ ސްޓާފުން ފިޔަވައި އެހެން ފަރާތެއް ވަދެނުކުމެފައި ނުވާކަން ފާހަގަ ކުރެވޭ. އަދި ދަންވަރު 12:40 ހާއިރު ހައުސިންގ އިމާރާތުގައި ތަޅުލުމަށްފަހު އެތަނުގައި ތިބީ މިނިސްޓްރީގެ 2 ސެކިއުރިޓީ ގާޑުންކަން ވަނީ ކަށަވަރު ކުރެވިފައި
އޭނާ ވިދާޅުވީ ދަންވަރު އޮފީސް ބަންދުކުރުމަށްފަހު މަސައްކަތަށް އޮފީހަށް އައިސްފައިވަނީ ހެނދުނު 6:01 ގައި ހައުސިންގ މިނިސްޓްރީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފެއް ކަމަށެވެ. ރަޝީދު ވިދާޅުވީ އެ މުވައްޒަފު އޮފީސް އިމާރާތު ތެރެއަށް ވަދެފައި ނުވާ ކަމަށެވެ.
މި ހާދިސާގައި 3 މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލް އިދާރާގެ އޮފީހަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ހައުސިންގ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިމާރާތް އެއްކޮށް އަނދައިގެން ގޮސްފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.
އަދިި އެންވަޔަރަމަންޓް އިމާރާތާއި މާލެ ސިޓީި ކައުންސިލްގެ އިމާރާތުން ކޮންމެވެސް ވަރަކަށް ތަކެތި ސަލާމަތްކުރެވުނު ނަމަވެސް އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސަރުކާރުގެ 3 އިމާރާތުގެ ތެރެއިން އިންޝުއަރެންސް ކޮށްފައިވަނީ ހަމައެކަނި އެންވަޔަރަމަންޓް މިނިސްޓްރީ އެކަންޏެވެ.
މި ހާދިސާގެ ސަބަބުން އަލިފާނުގެ ހޫނުގެ ސަބަބުން ސަރަހައްދުގެ 3 ގެއެއްގެ 9 އެޕާޓްމަންޓާއި 2 ފިހާރައަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. މި ހާދިސާއާއި ގުޅިގެން ޖުމްލަ 14 ކެމެރާގެ ފުޓޭޖް އަދި ސީނަށް ދިޔަ ފުލުހުންގެ ބޮޑީވޯން ކެމެރާ އެނަލައިޒް ކޮށްފައިވާނެ. އެގޮތުން 600 ގަޑިއަށްވުރެ ގިނަ އިރުގެ ސީސީޓީވީ ފުޓޭޖް އެނަލައިޒްކޮށް، އާންމު ފަރާތްތަކުން ދިން ފޮޓޯ ވީޑިއޯ ވާނީ އެނަލައިޒް ކޮށްފައި. އެަލިފާން އެންމެ ފުރަތަމަ ރޯވެފައި ހުއްޓާ ފެނުނު ޖިއޯމެޓްރިކްސް ޑިޕާޓްމަންޓުގައި މި ހާދިސާ ހިނގުމިގެ ކުރިން ވެސް ކަރަންޓުގެ މައްސަލަ އުޅޭކަން ވަނީ ފާހަގަކުރެވިފައި. އަދި ސިފައިންނާއި ފުލުހުން އަލިފާން ރޯވެފައިވާތަނެއް ހޯދަމުން ދިޔަ އިރު ވެސް އިމާރާތުގެ ބައެއް ތަންތަނުގައި ކަރަންޓު ހުރިކަން ވަނީ ފާހަގަކުރެވިފައި
މި ހާދިސާގައި އިމާރާތުގެ ތެރެއިން ނެގުނު ކަރަންޓު ނަރުތަކުގެ ފޮރެންސިލް ތަހުލީލުތައް ކޮށްފައިވާ ކަމަށާއި، ކަރަންޓު ނަރު ހޫނުވެގެން ފެންނަން ހުންނަ އާކް ފެނުމާއި، އޯވަރ ހީޓް ވުމުގެ ސަބަބުން އެއް ނަރު އަނެއް ނަރާއި އެއްވެފައި ހުރުމާއި، ނަރުތައް ވިރި އަނެއް ނަރުތަކުގެ ވިރިފައި ހުރި ހިސާބުތައް ފުފި އެތަނުގައި ބަލްބު އުފެދިފައިވާކަން ފާހަގަކުރެވުނު ކަމަށް ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތަހުލީލު ކުރެވުނު ނަރުތަކުން ދެ ނަރެއް ޝޯޓްވެފައި ހުރިކަމުގެ ނިޝާންތަކެއް ފެނިފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ނެގުނު އާސަން ސާމްޕަލްތަކުން އަލިފާން ހިފާފާނެ ފަދަ ކެމިކަލްގެ އެއްވެސް އަސަރެއް ފެނިފައި ނުވާ ކަމަށާއި، މިހާތަނަށް 42 މީހަކާއި ސުވާލުކޮށް ބަޔާން ނެގިފައިވާއިރު، އަލިފާނުގެ ހާދިސާއަށްފަހު އިމާރާތް ރޫޅާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ކަމާ ގުޅުން ހުރި ފަރާތްތަކާއެކު ސީދާ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް ރަޝީދު ވިދާޅުވިއެވެ.
އަދި އަލިފާން ފުރަތަމަ ރޯވިތަނުން ތަހުގީގަށް ލިބިފައިވާ އެންމެހާ މައުލޫމާތުގެ އަލީގައި ދެނެގަނެ އެ ސަރަހައްދު ދިރާސާކުރުމަށް ސާމްޕަލް ނަގަން ދަތި ނުވާނެ ގޮތަށް މަސައްކަތް ރާވާލައިގެން ކުރިއަށް ގެންދިޔަ ކަމަށް ރަޝީދު ވިދާޅުވިއެވެ.
އަދި އިންޑިއާގެ ހާއްސަ ތަހުގީގު ޓީމު އައިސް ބަލާ ދިރާސާ ކުރެވެންދެން އަލިފާން ރޯވި އިމާރާތް ރައްކާ ކުރެވިފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.
މި ތަހުގީގަށް އެހީތެރިވުމަށް އައި އިންޑިއާގެ ހާއްސަ ތަހުގީގު ޓީމުގެ އެހީތެރިކަން ވަނީ ހޯދިފައި. މިޓީމު ވަނީ ހާދިސާ ހިނގި ސަރައްހަދު ބަލާ ދިރާސާކޮށް އެތަނުގައި ހަރަކާތްތެރިވި ފަރާތްތަކާއި ސުވާލުކޮށް ފޮޓޯ ވީޑިއޯ ވަނީ ޓީމާއި ހިއްސާ ކުރެވިފައި. އަދި ތަހުގީގު ރިޕޯޓް ވަނީ ލިބިފައި. ރިޕޯޓުގައި ބުނާ ގޮތުން ފާހަގަކޮށްލެވިފައިވަނީ އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓް ސަރކެޓެއްގެ ސަބަބުން ކަމަށް، ރޯވެފައިވާ ނަރުތަކަކީ އިމާރާތުގެ ދަތި ދޭތެރެތަކާއި، ސީލިންއާއި އަދި ޑަކްޓްތަކުގެ ތެރޭގައި ހުރި ނަރުކަމުން، އަލިފާން ހޯދާ ނިއްވާލުމަށް ދަތިތަކެއް ހުރުމުގެ ސަބަބުން ކޮންޓްރޯލް ނުވެގެން ހުޅުގަނޑު ހިފައިގެން ގޮސް ފެތުރިފައިވާކަން ފާހަގަކުރެވޭ
އެމްއެންޑީއެފްގެ ރިޕޯޓުގައި ހުރި ކަންކަން ހިއްސާކުރައްވަމުން ރަޝީދު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ހޯދުނު މައުލޫމާތާއި އެމްއެންޑީއެފްގެ ރިޕޯޓުގައި ހުރި މައުލޫމާތައި ފުށުއަރާ ކަންތައްތަކެއް ފެންނަން ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް