ކީރިތި ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ މަތިވެރި ޢިލްމު އުނގެނުމުގައި ދެމިތިބުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސްކުރައްވައިފި
ކީރިތި ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ މަތިވެރި ޢިލްމު އުނގެނުމުގައި ދެމިތިބުމަށް، ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ބައިވެރީންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މި އިލްތިމާސްކުރައްވާފައިވަނީ، ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް އިފުތިތާޙުކުރެއްވުމަށް، މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ކީރިތި ޤުރްއާނުގެ ޢިލްމު އުނގަންނައިދީ، ކުދިންގެ ހިތްތަކުގައި ޤުރްއާން ކިޔެވުމުގެ ރިވެތި އާދަ އަށަގަންނުވައި، ބޮޑުވަމުން އަންނަ ޖީލަކީ ކީރިތި ޤުރްއާނާ ނުހަނު ގާތް ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، މުޅި މުޖުތަމަޢު އަދާކުރަންޖެހޭ މުހިންމު ޒިންމާއެއްކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ. އަދި ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތަކީ މި ޒިންމާ ފުރިހަމަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ތިމާ އާއި ކީރިތި ޤުރްއާނާ އޮތް ގުޅުމަކީ ވަކި މުބާރާތަކުން ނިމިގެންދާ ކަމެއް ނޫންކަން އަބަދުވެސް ހަނދާނުގައި ބަހައްޓައިގެން، ޤުރްއާނުގެ ޢިލްމު އުނގެނުމުގައި ދެމިތިބުމަށާއި، ބައިވެރީންގެ ޢަމަލުތަކާއި ސުލޫކަކީ ޤުރްއާނުގެ އަލީގައި ބައްޓަންވެފައިވާ ރިވެތި ސިފަތަކަކަށް ހަދައި، ޤައުމާއި މުޖުތަމަޢަށް ނަމޫނާ، ޚިދުމަތްތެރި ދަރިންތަކަކަށް ވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި މުބާރާތުގެ ނަތީޖާއަށްވުރެ ބޮޑަށް، ޤުރްއާނަށް ކުދީންގެ ހިތްތަކުގައި އޮތް ލޯބި ދެމެހެއްޓުމަށް ބާރުއަޅުއްވައިދެއްވުމަށް، މުބާރާތުގެ ބައިވެރިންގެ ބެލެނިވެރިންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، އިސްލާމީ ތަޢުލީމާއި ޤުރްއާނުގެ ޢިލްމު ފުޅާކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ކުރިއަށްއޮތް ދުވަސްތަކުގައިވެސް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ ޤުރްއާނާ ބެހޭ މަރުކަޒުތައް ޤާއިމުކުރުމާއި، މުދައްރިސުން ތަމްރީނުކުރުމުގެ ފުރުޞަތުތައް އިތުރުކުރުމުގެ މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ މުބާރާތެކޭ އެއްގޮތަށް މި އަހަރުގެ މުބާރާތްވެސް ކުރިއަށްގެންދަވަނީ 3 ބުރަކަށް ބަހާލައިގެންނެވެ. މާލޭގެ އިތުރުން ރާއްޖޭގެ 20 ސަރަޙައްދެއްގައި މި މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށްގެންގޮސްފައިވަނީ، މި އަހަރުގެ ޖޫން މަހާއި ޖުލައި މަހުގައެވެ. ސެމީ ފައިނަލް ބުރަށް ހޮވުނު 379 ބައިވެރީންގެ ކިޔެވުން ކުރިއަށްގެންދާނީ މި ހިނގާ ސެޕްޓެންބަރު މަހުގެ 11 އިން 14 ގެ ނިޔަލަށެވެ. އަދި އެއަށްފަހު ފައިނަލް ބުރަށް ހޮވޭ 150 ބައިވެރީންގެ ކިޔެވުން ކުރިއަށްގެންދާނީ މި ހިނގާ ސެޕްޓެންބަރު މަހުގެ 16 އިން 17 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް