އިންޖިނިއަރިން ދާއިރާގެ ހިދުމަތްތެރިންގެ އަގުވަޒަންކޮށް އެވޯޑު ދީފި
އިންޖިނިއަރިން ދާއިރާއިން ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ނަމޫނާ ދައްކަވަމުން ގެންދަވާ ފަރާތްތަކުގެ އަގުވަޒަންކޮށް، ފުރަތަމަ ފަހަރަށް ދިން "އިންޖިނިއަރިން އެވޯޑު" މިރޭ ހަވާލުކޮށްފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި "އިންޖިނިއަރސް އެވޯޑް 2026" ގެ ހާއްސަ ހަފުލާގައި، އެވޯޑު ލިބިވަޑައިގެންނެވި ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.
މި އެވޯޑަކީ ދިވެހިރާއްޖޭގެ އިންޖިނިއަރިން ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކޮށް، ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކާއި ގައުމީ ހިދުމަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭން ފެށި އެވޯޑެކެވެ. އެވޯޑު ލިބޭ ފަރާތްތައް ހޮވުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެކަމަށްޓަކައި ހާއްސަކޮށް އެކުލަވާލެވުނު ފަންނީ ކޮމިޓީއަކުންނެވެ.
އެވޯޑު ލިބިވަޑައިގެންނެވި ފަރާތްތަކާއި ތަފްޞީލް
އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑްގެ އިތުރުން އިންޖިނިއާ އޮފް ދަ އިޔާ އެވޯޑް - ޑރ. ފުރުގާން އިބްރާހީމް
ޑރ. ފުރުގާން އިބްރާހީމަކީ އިންޖިނިއަރިން، ދިރާސާކުރުން، ހަކަތައިގެ ދާއިރާ އަދި ހިންގުމުގެ ދާއިރާގައި 20 އަހަރަށްވުރެއް ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފާހަގަކޮށްލެވޭ ދިވެހި ފަންނީ މާހިރެކެވެ. އިއާދަކުރަނިވި ހަކަތައާއި، ފެން އުފައްދާ ނިޒާމުތަކާއި، އިންޖިނިއަރިން ދިރާސާތަކުގެ އިތުރުން، ހިންގުމުގެ ހަރުދަނާކަމާއި ގައުމީ ތަރައްގީގެ މަޝްރޫއުތަކަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަށް ފާހަގަކޮށްލެވޭއެވެ.
ލައިފްޓައިމް އެޗީވްމަންޓް އެވޯޑް
އަބްދުއްޝަކޫރު ސާލިހު: އަބްދުއްޝަކޫރު ސާލިހަކީ ދިވެހިރާއްޖޭގެ ކަރަންޓުގެ ހިދުމަތުގެ ދާއިރާއަށް ގާތްގަނޑަކަށް 50 އަހަރު ވަންދެން ފާހަގަކޮށްލެވޭ މުހިންމު ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން މެކޭނިކަލް އިންޖިނިއަރެއްގެ ހައިސިއްޔަތުން ގައުމީ ފެންވަރުގައި، ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުމުގެ ވަސީލަތްތައް ތަރައްގީކުރުމާއި، ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމާއި، މުވައްޒަފުންގެ ކުރިއެރުމާއި ލާބައަށް މަސައްކަތްކުރެއްވުމުގައި ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
އަލްމަރުހޫމް އަހުމަދު މަހުރީން: އަލްމަރުހޫމް އަހުމަދު މަހުރީނަކީ ދިވެހިރާއްޖޭގެ އިންޖިނިއަރިން އަދި އުމްރާނީ ތަރައްގީގެ ދާއިރާއަށް 40 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން އަގުހުރި މަސައްކަތެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި އިސް މަގާމުތައް ފުރުއްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު ބޮޑެތި އުމްރާނީ މަޝްރޫއުތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަލްމަރުހޫމް މުހައްމަދު ރަޝީދު: އަލްމަރުހޫމް މުހައްމަދު ރަޝީދަކީ، ދިވެހިރާއްޖޭގެ ކަރަންޓުގެ ދާއިރާ ކުރިއެރުވުމަށް 50 އަހަރަށްވުރެ ދިގު މުއްދަތެއްވަންދެން ހިދުމަތްތަކެއްކޮށް ދެއްވާފައިވާ ބޭފުޅެކެވެ. ސްޓެލްކޯގެ އެޕްރެންޓިސްއަކުން ފެށިގެން އެ ކުންފުނީގެ ޗެއާމަން އަދި ޗީފް އެކްޒެކެޓިވް އޮފިސަރުގެ މަގާމާއި ހަމައަށް އެކުންފުނީގެ އެކި މަގާމްތަކުގައި، ގައުމީ ފެންވަރުގައި މި ދާއިރާގެ މަޝްރޫއުތައް ރޭވުމުގައި އަދި އުމްރާނީ ވަސީލަތްތައް ފުޅާކުރުމަށްޓަކައި ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
ވިމެން އިން އިންޖިނިއަރިން އެވޯޑް - އަސްރާރު
އަސްރާރަކީ ސިވިލް އެންޑް ސްޓްރަކްޗަރަލް އިންޖިނިއަރިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ، މި ދާއިރާގައި ފާހަގަކޮށްލެވޭ ބޭކަނބަލެކެވެ. އަސްރާރަކީ ގްރޭޑް 1 ގެ ލައިސަންސްޑް އިންޖިނިއަރެއްގެ އިތުރުން ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ޗާޓަޑް ސިވިލް އިންޖިނިއާއެވެ.
ޔަންގް އިންޖިނިއާ އެވޯޑް - މުހައްމަދު ޒިދާން ހަސަން
މުހައްމަދު ޒިދާން ހަސަނަކީ އީޖާދީ މަސައްކަތްތަކާއި، ދިރާސާކުރުމާއި، ލީޑާޝިޕްގެ އިތުރުން މަސައްކަތުގެ ދާއިރާއިން ނަމޫނާ ދައްކަމުންދާ ފާހަގަކޮށްލެވޭ ޒުވާން އިންޖިނިއަރެކެވެ. ޒިދާންގެ ތައުލީމީ ރަން ވަނަތަކާއި، އެޗްވީއޭސީ ޓެކްނޮލޮޖީގެ އާ އީޖާދުތަކާއި، ބޮޑެތި މަޝްރޫއުތަކުގައި އަދާކުރައްވާފައިވާ އިސް ދައުރަކީ ދިވެހިރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ސްޓޫޑެންޓް އިނޮވޭޓާ އެވޯޑް - ހުސައިން ޖައުޝަން
ހުސައިން ޖައުޝަންއަކީ އިންޖިނިއަރިން ދާއިރާއިން ކުރިއަރަމުން އަންނަ، އުފެއްދުންތެރިކަމާއި ފަންނީ ގާބިލްކަމާއި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ހާއްސަ އިސްކަމެއްދޭ ދަރިވަރެކެވެ. މެލޭޝިއާގައި މެކޭނިކަލް އިންޖިނިއަރިން ކިޔަވަމުންދާ ޖައުޝަން ވަނީ ސިއްހީ ދާއިރާގެ އީޖާދުތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި އިންޖިނިއަރިން ރިސާޗް ހިމެނޭހެން ނަތީޖާ ނެރެދެނިވި ގިނަ ޕްރޮޖެކްޓްތަކެއްގައި ބައިވެރިވެފައެވެ.
ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް - މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ކުރިއަށް ގެންގޮސްފައިވާ އިރުގެ ހަކަތައާއި އެންއޭއެސް ބެޓެރި ބޭނުންކޮށްގެން، ޑީކާބަނައިޒްޑް ސީވޯޓާ ޑީސެލިނޭޝަން ސިސްޓަމެއް ގާއިމްކުރުމުގެ ޕްރޮޖެކްޓް
މި މަޝްރޫއަކީ، ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފެން އުފެއްދުމަށާއި ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރައްކާތެރިކަން ލިބޭނެފަދަ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރިއަށް ގެންދެވުނު މަޝްރޫއެކެވެ. މިއީ، އިއާދަކުރަނިވި އިރުގެ ހަކަތައާއި އެޑްވާންސްޑް ބެޓެރީ ސްޓޯރޭޖް ޓެކްނޮލޮޖީގެ އެހީގައި ފެން އުފައްދާ ނިޒާމް ހިންގާ، ފެން އުފެއްދުމުގެ ތެރޭގައި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ބޮޑުތަނުން ދަށްކުރެވޭނެ މަޝްރޫއެކެވެ.
ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް - މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ރ. ދުވާފަރުގައި ކުރިއަށް ގެންދިޔަ އިންޓެގްރޭޓެޑް ޔުޓިލިޓީ ސާވިސަސް ޕްރޮޖެކްޓް
ރ.ދުވާފަރުގައި ކުރިއަށް ގެންގޮސްފައިވާ އިންޓެގްރޭޓެޑް ޔުޓިލިޓީ ސާވިސަސް ޕްރޮޖެކްޓަކީ، ތިމާވެށީގެ ދެމެހެއްޓެނިވި ހައްލުތައް ބޭނުންކޮށްގެން، އެރަށުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ކުރިއަށް ގެންދެވިފައިވާ މަޝްރޫއެކެވެ. އެގޮތުން، ސާފު ބޯފެން ފޯރުކޮށްދިނުމާއި، ނަރުދަމާގެ ހިދުމަތާއި، ކުނި މެނޭޖް ކުރުމާއި، ވާރޭ ފެން ނެގުމުގެ އިތުރުން އިއާދަ ކުރަނަވި ހަކަތަ ފޯރުކޮށްދެވޭނެ ކޮމްޕްރެހެންސިވް ޔޫޓިލިޓީ މޮޑެލްއެއް އެރަށުގައިވަނީ ގާއިމް ކޮށްފައެވެ.
އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ގައުމީ ފެންވަރުގައި އިންޖިނޭރުންގެ އެވޯޑެއް ސަރުކާރުން ދެއްވަން ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިއުލާންކުރެއްވީ، ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރެއްވި އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި، 30 އޮގަސްޓް 2025 ގައި ފޮނުއްވި ހިތާބުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް