މުއްސަނދިންނަށް އާސަންދަ ހިލޭ ދިނުން ހުއްޓާލަނީ؛ މަހަކު 60،000ރ. އަށް ވުރެ ގިނައިން ލިބޭ މީހުންނަށް އަންނަ މަހުން ފެށިގެން ބަދަލުތަކެއް!
ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، މަހެއްގެ މައްޗަށް 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އަންނަ މަހުން ފެށިގެން އާސަންދައިގެ ހިދުމަތް މުޅިން ހިލޭ ނުލިބޭ ގޮތަށް ހަމަޖައްސަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް ވިދާޅުވީ، ތަނަވަސްކަން ހުރި މުއްސަނދިންނާއި އާދައިގެ ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތެއް ނެތި، އެންމެންނަށް އެއް ހަމައަކުން އާސަންދައިގެ ފުރިހަމަ އެހީ ދެމުންދިއުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އަލަށް ގެންނަ މި ބަދަލާއެކު، ބޮޑު އާމްދަނީ ލިބޭ މީހުން އާސަންދަ ބޭނުންކުރާއިރު ވަކި މިންވަރެއް އަމިއްލައަށް ދައްކަންޖެހޭ "ކޯ-ޕޭ" އުސޫލު ނުވަތަ އަހަރީ ފީއެއް ދައްކައިގެން ހިދުމަތް ހޯދާ "ޕްރީ-ޕޭ" އުސޫލަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.
"އިންކަމް ޓެކްސް ދައްކާ މުއްސަނދި ފަރާތްތަކަށް، އާންމު ރައްޔިތުންނަށް ލިބޭ ގޮތަށް ހުރިހާ ސިއްހީ ހިދުމަތެއް ހިލޭ ލިބުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫން. އެހެންވެ މި އިސްލާހު އަންނަ މަހުން ފެށިގެން އަމަލީ ގޮތުން ތަންފީޒު ކުރަން ފަށާނެ،" ރައީސް ވިދާޅުވިއެވެ.
މި އާ އުސޫލު ހިންގާނެ ތަފްސީލީ އިރުޝާދުތަކާއި ގަވާއިދުތައް ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންމެ އަހަރަކުވެސް އާސަންދައަށް ކަނޑައަޅާ ބަޖެޓަށް ވުރެ އިތުރަށް ހަރަދު ހިނގަމުންދާތީ، މި ސަރުކާރުން އަންނަނީ އާސަންދައިގެ އިސްރާފުތައް ކުޑަކޮށް، ހަރަދުތައް ކޮންޓްރޯލް ކުރުމަށްޓަކައި މީގެ ކުރިންވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ސަރުކާރުގެ އަމާޒަކީ މިގޮތުން ސަލާމަތްކުރެވޭ ފައިސާ، ރައްޔިތުންނަށް އެންމެ ބޭނުންތެރި އެހެނިހެން ތަރައްގީގެ ކަންކަމަށް ހަރަދުކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް