ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ދިވެހި ދައުލަތަށް 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުން ހިތާމަ ފާޅުކުރައްވައި، މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައި، 25 އަހަރަށް ވުރެ ދިގު މުއްދަތަކު ދައުލަތަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި، ޑރ. މުޙައްމަދު ޢަލީ އަވަހާރަވި ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށެވެ.
މަރްޙޫމް ޑރ. މުޙައްމަދު ޢަލީގެ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނަކީ އިޖްތިމާޢީ އެކި ކަންކަމުގައި، ވަކިން ޚާއްޞަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމަޢަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވައި، ޢިލްމީ ދިރާސާތައް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށާއި، އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޤަދަރުވެރި ޚިދުމަތްތެރިއެއް ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، މި ބޮޑު ހިތާމައިގެ ވަގުތުގައި މަރްޙޫމްގެ ޢާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައިވެއެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޑރ. މުޙައްމަދު ޢަލީ ލެހެއްޓެވުން އެދި ދުޢާ ދަންނަވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް