ދައުލަތުގެ އިއްޒަތްތެރިޔާ އިބްރާހީމް ރަޝާދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 07 Jun 2026

ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، ދައުލަތުގެ އިއްޒަތްތެރިޔާގެ ލަޤަބް އަރުވާފައިވާ މައްޗަންގޮޅީ އަލިތަރި އިބްރާހީމް ރަޝާދު، ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ މަނިކުފާނުގެ ޢާއިލާއަށާއި ޚިދުމަތް ކުރެއްވި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އިބްރާހީމް ރަޝާދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ.

މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އިބްރާހީމް ރަޝާދަކީ ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި، ތެދުވެރިކަމާއި، ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށެވެ. އަދި އެއީ ޙިކްމަތްތެރި، ހިންގުންތެރި ޝަޚްޞިއްޔަތެއް ކަމަށާއި، ޤައުމަށް ގެއްލިގެން އެދިޔައީ ވަރަށް ބޭނުންތެރި، އަގުހުރި ތަޖުރިބާކާރެއް ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، މީގެ ވިއްސަކަށް އަހަރު ކުރިން ޓެކްނޮލޮޖީގެ ވަސީލަތްތައް މަދު ޒަމާނެއްގައިވެސް، ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފަސޭހަކުރުމުގައި އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްޕުޅުތަކެއް ކަމަށެވެ. އަދި ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި އުޞޫލުތަކާއި ހަމަތައް ހިފެހެއްޓެވުމާއި، އަމާނާތްތެރިކަމާއެކު ރައްޔިތުންނާއި ވެރިންގެ އިތުބާރު އެ މަނިކުފާނު ހޯއްދަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަލްމަރްޙޫމް އިބްރާހީމް ރަޝާދަކީ ދައުލަތުގެ ގިނަ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ފާދިއްޕޮޅާއި ކޮޅުމަޑުލުގެ އަތޮޅުވެރިކަމާއި، 6 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮމިޝަނަރ އޮފް އިލެކްޝަންސްގެ މަގާމު ހިމެނެއެވެ. ދައުލަތުގެ ޚިދުމަތުން 2008 ވަނަ އަހަރު ވަކިވެވަޑައިގެންނެވިއިރު އެ މަނިކުފާނު ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމުގައެވެ.

1961 ވަނަ އަހަރު ވުޒާރަތުއްތިޖާރާގެ ކާތިބުކަމުން ޚިދުމަތް ފެއްޓެވި އިބްރާހީމް ރަޝާދު ވަނީ، އެކި ވުޒާރާތަކުގެ ސެކްރެޓަރީ ކަމާއި، އެސް.ޓީ.އޯ.ގެ މެނޭޖަރުކަމާއި، މޯލްޑިވްސް ޕޯސްޓްގެ މެނޭޖިންގ ޑިރެކްޓަރުކަން ފަދަ ގިނަގުނަ މަގާމުތަކެއް ފުރުއްވާފައެވެ.

އަވަހާރަވިއިރު އަލްމަރްޙޫމް އިބްރާހީމް ރަޝާދުގެ އަނބިކަނބަލަކާއި ތިން އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026