ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
މެޑަމް ސާޖިދާ މުޙައްމަދު މީސްމީޑިއާގެ މަންސައެއް ކަމަށްވާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި، އަދި އެއްބައިވަންތަކަމުގެ ނަމޫނާއެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ލިބިފައިނުވާ ފަޚުރަކާއި ޝަރަފެއް ކަމަށެވެ.
މީގެއިތުރުން، މި މަތިވެރި ނިޢުމަތާއި ރަޙްމަތް ދިވެހިރާއްޖެއަށް މިންވަރުކުރެއްވި ކަމަށްޓަކައި މާތް ﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ތަކުރާރުކުރައްވާ ކަމަށްވެސް އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި މި ބާއްޖަވެރި މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާ ދިވެހި އެންމެހައި ރައްޔިތުންނަށް އަރިސްކުރެއްވިއެވެ.
ފަސްޓް ލޭޑީގެ މެސެޖު ނިންމަވާލައްވާފައިވަނީ އިސްލާމީ ހިދާޔަތުގައި ދިވެހިން އަބަދަށްމެ ލެހެއްޓެވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ހެޔޮ ދުޢާ ދަންނަވަމުންނެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ. މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ދަޢުލަތުގެ ފެންވަރުގައާއި އެކި މުއައްސަސާތަކުން އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް