އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި

ހ ހުސައިން އިސްމާއިލް
ޚަބަރު 27 Jul 2026

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ހިލޭއެހީގެ ގޮތުގައި އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރެއްވި އަސްކަރީ މަނަވަރު، "ޢިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަންކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ، މިރޭ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައެވެ.

މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، މަނަވަރު ހަދިޔާކުރެއްވިކަމުގެ ރަމްޒު ހަވާލުކޮށްދެއްވައި، ދިވެހިރާއްޖޭގެ ފަރާތުން އޮސްޓްރޭލިޔާ ސަރުކާރަށް އަރުވާ ޝުކުރުގެ ލިޔުން ހަވާލުކޮށްދެއްވުމަށް ކުރިއަށްގެންދެވި ނަމްބަރު ޝަރަފުވެރިކޮށްދެއްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ، މަނަވަރުގެ ނަން ކަޝްފުކޮށްދެއްވާފައެވެ.

ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑް ފްލީޓަށް އިތުރުކުރެވުނު ނޭވީ މަނަވަރު "ޢިމާދުއްދީން"ގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މިގޮތުން، މަނަވަރު ކޮމިޝަންކުރެއްވިކަމުގެ ލިޔުމާއި ދިވެހި ޤައުމީ ދިދަ، މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނެންޓް ކާނަލް ސިނާން ޒާހިރުއާ އެމަނިކުފާނު ޙަވާލުކޮށްދެއްވިއެވެ. އެއަށްފަހު މަނަވަރުގެ ކުރޫއިން ވަނީ، ކޯސްޓް ގާޑް ނޭވީ މަނަވަރު "ޢިމާދުއްދީން"އަށް އަރާ، ކޮމިޝަންކުރުމުގެ ޑްރިލް ފުރިހަމަކުރައްވާފައެވެ.

މިރޭގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަރިހުގައި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އޮސްޓްރޭލިއާގެ އިސް މަންދޫބުންނާއި، ދެ ޤައުމުގެ އިސް އޮފިޝަލުން ވަނީ "ޢިމާދުއްދީން" މަނަވަރަށް އަރާވަޑައިގެން، މަނަވަރު ބައްލަވާލައްވާފައެވެ. އަދި މަނަވަރު ބައްލަވާލެއްވުމަށްފަހު ނެގި ހަނދާނީ ފޮޓޯފުޅެއްގައިވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނޭވީ މަނަވަރު "ޢިމާދުއްދީން"އަކީ، ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.

މިގޮތުން އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ މިއުޅަނދަކީ، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ.

މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.

ނޭވީ މަނަވަރު "ޢިމާދުއްދީން" ކޮމިޝަންކޮށް، ރަސްމީކޮށް ޚިދުމަތަށް ނެރެވުމާއެކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ހިންގާ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމާއި، ކަނޑުމަތީގައި ދިމާވާ ޙާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ޤާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެއެވެ. އަދި މިއީ ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ދިވެހިރާއްޖެއިން އަދާކުރާ ދައުރަށް ވެސް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026
އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި
އޮގަސްޓު މަހު މީރާއިން 2.42 ބިލިއަން ރުފިޔާ ބަލައިގަނެފި
އޮގަސްޓު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2026 ގައި ލިބިފައިވާ އާމްދަނީ %14 އިތުރުވި މައިގަނޑު ސަބަބަކީ، 2026 ވަނަ އަހަރުގެ އިންކަމް ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓް 2026 އަށް މުއްދަތު އިތުރު ކޮށްފައިވުމެވެ. މީގެ ސަބަބުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، ބޭންކް އިންކަމް ޓެކްސް، އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
ޚަބަރު 10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެެއްގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުގެ އިތުރުން ވުޒާރާގެ އިސްވެރިންނާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ޚަބަރު 10 Sep 2026
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ރައްޔިތުންގެ ބައްދަލުވުމުގެ މި ހަފުތާ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރި ގިނަ އާންމުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައިވަނީ ގެދޮރުވެރިކަމުގެ ދަތިތަކެވެ. މިގޮތުން އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުންނާއި މީގެ ކުރިން ހިންގި މަޝްރޫޢުތަކުން ބޯހިޔާވަހިކަން ލިބޭގޮތް ނުވުމުގެ ކަންބޮޑުވުންތައް ވަނީ އެމަނިކުފާނާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޕޮއިންޓް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަނީ އެންމެ އެކަށޭނަ، ހައްގުވެރި ފަރާތްތަކަށް ފުރުސަތު ކަށަވަރުވާނޭ ފަދަ އުސޫލަކުން ކަމަށެވެ.
ޚަބަރު 10 Sep 2026