ފަލަސްޠީނަށް އދގެ ފުރިހަމަ މެންބަރުކަންދީ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ގޮވާލައިފި
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ޖެނެރަލް ޑިބޭޓުގައި ތަޤުރީރު ކުރައްވަމުން، ފަލަސްޠީނަކީ އދ. ގެ ފުރިހަމަ މެންބަރު ޤައުމެއްގެ ގޮތުގައި ބަލައިގަނެ، މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް ވިދާޅުވީ، ސިޔާދަތީ މުސްތަޤުބަލެއް ލިބުމުގެ ޙައްޤަކީ ކޮންމެ ބަޔަކަށްވެސް ލިބެންޖެހޭ ޙައްޤެއް ކަމަށާއި، މި ޙައްޤުން އެންމެ ބޮޑަށް މަޙްރޫމުވެފައިވަނީ ފަލަސްޠީނުގެ ރައްޔިތުން ކަމަށެވެ. އަދި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޤަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް އަދިވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، އެ ޢަމަލުތައް ހަމައެކަނި ޣައްޒާއަށް އެކަނި ހަނިވެފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިސްރާއީލުގެ އަސްކަރީ ޙަމަލާތަކުގެ ސަބަބުން ސަރަޙައްދުގެ އެހެން ޤައުމުތަކުގެ ސިޔާދަތަށް އަރައިގެންފައިވާ ކަމަށް ވިދާޅުވަމުން ނައިބު ރައީސް ވިދާޅުވީ، ސިޔާސީ ބާރެއްގެ ނުވަތަ އިއްތިހާދެއްގެ ސަބަބުން އެއްވެސް ދައުލަތަކަށް ޖަވާބުދާރީވުމުން ބަރީއަ ނުވެވޭނެ ކަމަށެވެ. އަދި ހަމައެކަނި ކުށްވެރިކުރުމަކުން ނުފުދޭނެ ކަމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ބާރުގަދަ ފަރާތްތަކުގެ ކުރިމަތީގައި ލަންބާލައިގެން ނުވާނެ ކަމަށާއި ހުރިހާ ފަރާތްތަކަކަށްވެސް ހަމަހަމަކަމާއެކު ޤާނޫނު ތަންފީޛުވާންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޣައްޒާގައި އިސްރާއީލުން ހިންގާ ޤަތުލުއާންމާއި، ފަލަސްޠީނާއި ޢަރަބި އެހެން ބިންތަކަށް ވެރިވެގަނެގެން އުޅޭ އުޅުމާއި، ޤަވާޢިދާ ޚިލާފަށް ވަޒަންވެރިވުމަށް ހިންގާ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ. މީގެއިތުރުން ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ރައްކާތެރިކަމާއެކު އަދި އަވަހަށް ފޯރުކޮށްދިނުމަށާއި، ބައިނަލްއަޤްވާމީ ކޯޓުތަކާއި އދ. ގެ ނިންމުންތަކަށް އިޙްތިރާމްކޮށް އެކަންކަން ތަންފީޛުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނުގެ ރައްޔިތުންނާއެކުގައި ކަމަށެވެ. އަދި 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދްސަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ބަލައިގަތުމަށާއި، އދ. އަށް އިތުބާރު އަލުން ހޯދައިދިނުމަށްޓަކައި ފަލަސްޠީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ދިވެހިރާއްޖެއިން ކުރާ ގޮވާލުން އެމަނިކުފާނު ވަނީ ތަކުރާރު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް