ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާއި، އަރަބި ގައުމުތަކަށް ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާއި، ސަރަހައްދުގެ އަރަބި ގައުމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ރާއްޖޭގެ މި ސްޓޭންޑް ހާމަކުރެއްވީ އދ.ގެ އާންމު މަޖިލީހުގައި މިރޭ ތަގުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފެވެ.
ނައިބު ރައީސްގެ ތަގުރީރުގައި ފާހަގަކުރެއްވި ގޮތުގައި، ކުދި ގައުމުތަކުގެ ސިޔާދަތާއި ސަރަހައްދީ ރައްކާތެރިކަން ހިމާޔަތްކުރުމަށް ރާއްޖެއިން އިސްނަގައިގެން ފާސްކުރި ގަރާރުގެ މުހިންމުކަން މިއަދުވެސް ބޮޑެވެ. އަދި ދުނިޔޭގެ ސަލާމަތީ ނުރައްކާތައް މިހާރު ވަނީ ބަދަލުވެފައި ކަމަށާއި، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާއި، ސަޕްލައި ޗޭންތަކާއި، މާލީ ބާޒާރުތަކުގެ ތެރެއިން އެ ނުރައްކާތައް ފެތުރެމުންދާ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ބޮޑު ކަމެއް ނުވަތަ ކުޑަ ކަމެއް ވިޔަސް، ކޮންމެ ދައުލަތަކަށްވެސް އަމިއްލަ މުސްތަގުބަލު ބައްޓަންކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ތެލުގެ އަގު އުފުލި، ކާބޯތަކެތީގެ ސަޕްލައި އަދި ވައިގެ ދަތުރުފަތުރަށް އަސަރުކޮށް، އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެހެންކަމުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުން ކުށްވެރިކޮށް، އެ މަގަކީ އަމާން އަދި ހުޅުވާލެވިފައިވާ މަގަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރައިން، ގަތަރު، ކުވައިތު، އޮމާން އަދި އުރުދުންއަށް ދިން ހަމަލާތައްވެސް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ. އަދި މަސްރަހު ފިނިކޮށް، މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށް އޮމާން، ޕާކިސްތާން އަދި ގަތަރުން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން މަރުހަބާ ކިޔާފައިވެއެވެ.
ފަލަސްތީނުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތައް އަދިވެސް ކުރިއަށްދާ ކަމަށާއި، އިސްރާއީލުގެ މި އަމަލުތައް މުޅި ސަރަހައްދުގެ އެހެން ގައުމުތަކުގެ ސިޔާދަތަށް އަރައިގަތުމަށް ފުޅާވެފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ހަމައެކަނި ކުށްވެރިކުރުމުން ނުފުދޭނެ ކަމަށާއި، މި އަނިޔާވެރިކަން ހުއްޓުވުމަށް ކޮންމެ މެންބަރު ގައުމަކުންވެސް ކުރެވުނީ ކޮން ކަމެއްތޯ އަމިއްލަ ނަފްސާ ސުވާލުކުރަންޖެހޭ ކަމަށް ވިދާޅުވެ ތަގުރީރު ނިންމަވާލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް