އަތޮޅުތަކުގެ 36 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދަން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، އަތޮޅުތަކުގެ މީހުން ދިރިއުޅޭ 36 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އިިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ފްލެޓާއި ރޯހައުސް އެޅުން ހިމެނެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޡިމް މުޙައްމަދު ވިދާޅުވީ، މުޅި ރާއްޖޭގައި މިވަގުތު ޖުމްލަ 54 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކޮންޓްރެކްޓް ކުރެވިގެން ކުރިއަށްދާ ކަމަށެވެ. އެއީ ޖުމްލަ 8,588 ހައުސިންގ ޔުނިޓެވެ. ސަރުކާރުގެ މި ސްކީމްތަކުގެ ތެރޭގައި ފްލެޓާއި ރޯހައުސްގެ އިތުރުން، އަމިއްލަ ބިންތަކުގައި ގެދޮރު އެޅުމަށް މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ގެދޮރު އަޅައިދިނުމުގެ މަޝްރޫޢުތައް ވެސް ހިމެނެއެވެ.
"ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ވެސް ހައުސިންގ މަޝްރޫޢުތައް ފެށި، އަމަލީ މަސައްކަތްތައް ދަނީ ކުރިއަށް. މިގޮތުން މި ސަރުކާރުން އަލަށް 36 ރަށެއްގެ މަޝްރޫޢު ވަނީ ފަށާފައި. މިއީ ޖުމްލަ 6,363 ހައުސިންގ ޔުނިޓުގެ މަސައްކަތް،" ސްޓޭޓް މިނިސްޓަރު ނާޡިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުތަކުން ކޮންޓްރެކްޓް ކޮށްފައިވާ 2,250 ޔުނިޓުގެ މަސައްކަތް ވެސް އަތޮޅުތަކުގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. ނާޡިމް ވިދާޅުވީ، މި ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން މި ހުރިހާ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، އެއްވެސް މެދުކެނޑުމެއް ނެތި މަސައްކަތްތައް ކުރިއަށް ގެންގޮސް ރައްޔިތުންނާ ހަވާލުކުރައްވާނެ ކަމަށެވެ.
ސަރުކާރުން ވަނީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ 57 ރަށެއް ކަނޑައަޅައި، އެ ރަށްރަށަށް 12،000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް ބޭނުންވާ ކަމަށް ފާހަގަކޮށްފައެވެ. އަދި އޭގެ ތެރެއިން ގިނަ ރަށްތަކުގެ މަސައްކަތް ކުރުމަށް މިހާރު ވަނީ ކޮންޓްރެކްޓަރުން ހޯދާފައެވެ. މަޝްރޫޢުތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު، 20 ރަށެއްގައި 100 އަށް ވުރެ މަދު ޔުނިޓް، 12 ރަށެއްގައި 100 ޔުނިޓް، 2 ރަށެއްގައި 150 ޔުނިޓް އަދި 9 ރަށެއްގައި 200 ޔުނިޓް އެޅުމަށް ވަނީ ކަނޑައެޅިފައެވެ. މީގެއިތުރުން 14 ރަށެއްގައި 200 އަށް ވުރެ ގިނަ ޔުނިޓް އެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ހަމައެއާއެކު، އަމިއްލަ ބަންޑާރަ ގޯތި އޮވެ، ގެދޮރު އިމާރާތް ކުރުމުގެ މާލީ ތަނަވަސްކަން ނެތް ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން، އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލުއި ފަސޭހަ ފައިނޭންސިންގ ފުރުޞަތުތަކެއް ވެސް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް