ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރާއްޖެ އެދޭ އިޤުތިޞާދީ މަންޒިލަށް ވާސިލުވުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވައިފި

ހ ހަޅަ
ޚަބަރު 05 May 2026

ރާއްޖެ އެދޭ އިޤުތިޞާދީ މަންޒިލަށް ވާސިލުވުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޯލްޑިވްސް- ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރައްވައިފިއެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި މިއަދު ކުރިއަށްގެންދިޔަ މި ފޯރަމުގައި އެމަނިކުފާނު ވިދާޅުވީ، 2040 ގެ ތަސައްވުރަކީ އާރުކާޓީއެއްކަމުގައި ބަލައިގެން، ދިވެހިރާއްޖެ މި ވަގުތު މި އޮތީ، ތަރައްޤީގެ ދަތުރުގެ މުހިންމު ފައްތަރެއްގައިކަމަށެވެ. އަދި ފުރިހަމައަށް ތަރައްޤީވެފައިވާ، ޝާމިލު އަދި ދެމެހެއްޓެނިވި ޤައުމެއް ބިނާކުރެއްވުމުގެ އަޒުމުގައި ދެމިހުންނެވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. 2040 ގެ ތަސައްވުރުގެ މުގުލުގައިވަނީ، ތަރައްޤީ ބައްޓަންކުރަންވާނީ ރައްޔިތުންގެ މަސްލަހަތުތައް އިސްކޮށްގެން، ފަންނިއްޔާތުގެ އެހީގައި ކަންކަން ފަހިކޮށްދީގެން، އަދި ތިމާވެށީގެ ކަންބޮޑުވުންތަކަށް ޒިންމާދާރުވާނޭ ގޮތެއްގައިކަމަށް ދެކޭ ޤަބޫލުކުރުންކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމީ އެޖެންޑާގެ މައިގަނޑު އަސާސްކަމުގައި ކަނޑައަޅުއްވާފައިވަނީ، އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމުން ފަހިކުރާ ކުރިއެރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ވުނަކުރުމަށް ހިތްވަރުލިބޭފަދަ، އަދި ވިޔަފާރިވެރިން ބާރުވެރިކުރެވޭފަދަ ފަހި މާހައުލެއް އުފެއްދުމަށްޓަކައި، ވަރުގަދަ އަޒުމެއްގައި، ހަރުދަނާ އިޞްލާޙީ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ސާފު އަދި ކުރިމަގު ލަފާކުރެވޭ ފަދަ ދެފުށްފެންނަ ނިޒާމެއް ފަރުމާކޮށްގެން، ވުނޭރުންނަށް ފަހި މާހައުލެއް އުފެއްދުމުގެ މަގުސަދުގައި ފޮރިން އިންވެސްޓްމަންޓް ޤާނޫނު ޒަމާނީކޮށް، ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަޔަރމަންޓްސް އިޞްލާޙުކުރައްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިއަދުގެ ތަޤުރީރުގައި އެމަނިކުފާނު ވަނީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ގެނައި އިޞްލާޙުތައް ފަރުމާކުރެވިފައިހުރީ، ދިވެހިރާއްޖެ، ތަރައްޤީގެ ދެންއޮތް ފިޔަވައްސަށް ގެންގޮސްދޭނޭ ފަދަ، ބަދަލުގެނުވަނިވި ފިޔަވަޅުތަކެއްގެ ގޮތުގައިކަމަށް ސިފަކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި ކުރިއަރަމުން އަންނަ ޑިޖިޓަލް ހަބެއްގެ ގޮތުގައި ދެކި، ވުނޭރުންގެ މެދުގައި ރާއްޖޭގައި ވުނަކުރުމުގެ އިތުބާރު އިތުރުވަމުންދާ ދިއުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި މިކަމުގެ ސަބަބުން، ދިވެހިރާއްޖެ ވިޔަފާރިއަށް ހުޅުވާލެވިފައިވާކަމާއި، ފަންނިއްޔާތުން ބާރުލިބިގެން، ތަރައްޤީގެ މަންޒިލަކަށް ރާއްޖެ މިސްރާބުހިފާފައިވާކަން، ވުނޭރުންނަށް ރަމްޒުކޮށްދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް މިއަދުގެ ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ސްރީލަންކާއިން ރާއްޖޭގެ ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި ޚިދުމަތްދިނުމުގެ ސިނާއަތްތަކުގައި އަދާކުރާ ދައުރު ފާހަގަކުރައްވައި، އެ ޤައުމަކީ، ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު ބައިވެރިއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އުމްރާނީ ތަރައްޤީ އާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މޮޑެލްތަކާއި، ސުމޭކު އީޖާދާއި، ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމުކުރުމުގައި ގުޅިގެން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ސްރީލަންކާއަށް ދަޢުވަތުދެއްވިއެވެ. މީގެ އިތުރުން، މީޒާންހަމަ، ދެމެހެއްޓެނިވި އިޤުތިޞާދީ ގުޅުމަކަށް، ދެ ފަރާތުންވެސް ވުނަކުރަމުންދިއުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސަރަޙައްދީ ފެންވަރުގައި އީޖާދުކުރުން ކުރިއަރުވައި، ވިލުންތެރިކަން ބަލައިގަނެ، އިސްނެގުން އިތުރުކުރުމުގެ މައްޗަށްވެސް އެމަނިކުފާނުގެ ތަޤުރީރުގައި އަލިއަޅުއްވާލެއްވިއެވެ.

ފޯރަމްގައި ވާހަކަފުޅުދައްކަވަމުން، މާލީ އަޚުލާޤަށާއި، އިޤްތިޞާދީ ވިލުންތެރިކަމަށާއި، ދުރު- ރާސްތާގެ ކުރިއެރުމަށް މި ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރައްވައި، އިޤްތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވަނީ، މިއީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމުގެ މުހިންމު ދަނޑިވަޅެއް ރަމްޒުކޮށްދޭ ފޯރަމެއްކަމަށް ވިދާޅުވެފައެވެ. ދުނިޔޭގެ ފެންވަރުގައި ކުރިމަތިވާ އިޤްތިޞާދީ ގޮންޖެހުންތަކާއެކުގައިވެސް، އުމްރާނީ ބިޔަ މަޝްރޫޢުތައް ހިންގަމުން، ފަތުރުވެރިކަމުގެ ބޭރުން އެހެނިހެން ދާއިރާތައް ހިމެނޭނޭހެން އިޤްތިޞާދު ސިންދަފާތުކުރުމުގެ އަމާޒުގައި އިޞްލާޙީ ބަދަތައް ތަންފީޒުކުރަމުން، މި ސަރުކާރުން ގެންދަނީ އިޤްތިޞާދީ ހަމަޖެހުން ދަމަހައްޓަމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް- ސްރީލަންކާ ބިޒްނަސް ފޯރަމްގައި، ސްރީލަންކާގެ ބޮޑުވަޒީރު ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާވެސް ތަޤުރީރުކުރެއްވިއެވެ. އެކަމަނާގެ ވާހަކަފުޅުގައިވެސް ވަނީ، ދެ ޤައުމުގެ ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިއަދުގެ ފޯރަމްގައި ވަނީ، ދިވެހިރާއްޖެ އާއި ސްރީލަންކާގެ ގުޅުން ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. އަދި ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާ ހިމެނޭހެން، ރާއްޖޭގައި ހުރި ވުނަކުރުމުގެ ފުރުސަތުތައްވެސް މި ފޯރަމްގައި ވަނީ އޮޅުންފިލުވައިދެއްވާފައެވެ.

ވިޔަފާރީގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި، މިހާރުވެސް ޤާއިމުކުރެވިފައި ހުރި ގުޅުންތައް އިތުރަށް ހަރުދަނާކުރުމާއި، ކުރިއަށް އޮތްތަނުގައި ގުޅިގެން ކުރެވިދާނޭ މަސައްކަތްތަކާމެދު، ވިޔަފާރިވެރީންގެ މައްޗަށް އެކުލެވިގެންވާ ދެ ޤައުމުގެ ވަފުދުތަކުން، މި ފޯރަމްގައި މަޝްވަރާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026