ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

ކުޑަކުދިންގެ ޙައްޤުތަކުގެ ޢަމަލީ ނަތީޖާ ފެންނާނީ މަޝްވަރާތަކަށްފަހު ގެނެވޭ ހެޔޮ ބަދަލުތަކުން: މެޑަމް ސާޖިދާ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 04 Jun 2026

ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ކުރެވޭ ޤައުމީ މަޝްވަރާތަކުގެ ޙަޤީޤީ ނަތީޖާ ފެންނާނީ ހަމައެކަނި ދެކެވޭ ވާހަކަތަކަކުން ނޫން ކަމަށާއި، އެ މަޝްވަރާތަކަށްފަހު ޢަމަލީ ގޮތުން ގެނެވޭ ހެޔޮ ބަދަލުތަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތާއި، ފެމިލީ އެންޑް ވެލްފެއާ ގުޅިގެން އިންތިޒާމުކުރި ޤައުމީ ކުޑަކުދިންގެ ދުވަހުގެ "މަޝްވަރާ" ފޯރަމް އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމަކީ ކުޑަކުދިންގެ ރައްކާތެރިކަމާއި ޙައްޤުތައް ކަށަވަރުކުރުމަށް ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، ހައްލު ހޯދުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ކުދިންނަށް އަޅާލުމަކީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދައިދިނުން ނޫންކަން ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި، ކުދިންގެ ވިސްނުން ތަރައްޤީކުރުމާއި، ޚުލްޤު ހެޔޮ ދަރިންތަކަކަށް ހެދުމުގެ އިތުރުން، އެކުދިންގެ ހިތްތަކުގައި އީމާންތެރިކަމާއި، ހަމްދަރުދީއާއި، ސާބިތުކަން އަށެގެންނެވުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ޙަޤީޤީ ރައްކާތެރިކަން ފެންނާނީ ގޭތެރެއާއި، ސުކޫލުތަކާއި، މުޖުތަމަޢުގައި ދެމެހެއްޓޭ ހަރުދަނާ އުސޫލުތަކުގެ ސަބަބުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުދިންނަށް އޯގާތެރިކަމާއި އިހުތިރާމް ލިބޭނެ ފަދަ މާހައުލެއް ބިނާކުރުމަށް މައިންބަފައިންނަށާއި މުދައްރިސުންނަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. ކުދިންނަށް ކުރިމަތިވާ އަނިޔާއާއި އިހުމާލަކީ ގިނަ ފަހަރަށް ހަނުހިމޭންކަމުގެ ތެރޭގައި ހިނގާ ކަންކަން ކަމަށް ވިދާޅުވެ، މުޖުތަމަޢުގެ ހުރިހާ އަފްރާދުން ފާރަވެރިވުމަށާއި، ކުދިންގެ ވާހަކަތައް ކަނުލާ އެހުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.

ޓެކްނޮލޮޖީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޑިޖިޓަލް މާހައުލުގައި ކުދިންނަށް ޒިންމާދާރުކަމާއެކު މަގުދައްކައިދޭން ޖެހޭ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދަންވާނީ ކުދިންގެ ރައްކާތެރިކަމާއި، މައުސޫމުކަމާއި، ނަފްސާނީ ދުޅަހެޔޮކަން ޤުރުބާންނުކޮށް ކަމުގައި އެކަމަނާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުން ކުޑަކުދިންގެ ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން، "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޝަން އެންޑް ރެސްޕޮންސް ޓު ވައިލެންސް އެގެއިންސްޓް ޗިލްޑްރަން 2024-2028" އާއި، ކުޑަކުދިންގެ ހޮޓްލައިން 1412، އަދި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫޢު އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބައެއް ޕްލެޓްފޯމްތަކަށް ވަނުން މަނާކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ކުދިންގެ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ކުޑަކުދިންގެ ޙައްޤުތަކާއި ތަރައްޤީއަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ މަޖައްލާއެއްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. އެކަމަނާ ވިދާޅުވި ގޮތުގައި މިފަދަ މަސައްކަތްތަކުގެ ސަބަބުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުވެ، ކުޑަކުދިން ރައްކާތެރިކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026