ޕީއެންސީގެ މެންބަރުންގެ އަދަދު 80،083 އަށް އަރައިފި: ރައީސް މުޢިއްޒު
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު 80،083 އަށް އިތުރުވެފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.
ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ގޮތުން މިރޭ މާލޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ޕާޓީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޕީއެންސީއަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ސިޔާސީ ޕާޓީއަށް ހެދުމަށް ކުރެވުނު މަސައްކަތް ކާމިޔާބުވެފައިވާ ކަމަށެވެ. އެގޮތުން ޕާޓީއާ އަލަށް ގުޅުނު ފޯމުތަކާއެކު މިހާރު ޕާޓީގެ ދަފްތަރުގައި 80،083 މެންބަރުން ހަމަވެފައިވާކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އަދަދަކީ ޕާޓީގެ އާންމު މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި، މަޖިލިސް މެންބަރުން ގުޅިގެން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އަދި މި ބޮޑު ކާމިޔާބީއަށްޓަކައި ޕާޓީގެ ހުރިހާ މެންބަރުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޕީއެންސީގެ މެންބަރުން އިތުރުކުރުމުގެ ބޮޑު ހަރަކާތެއް ފަށާފައިވަނީ ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަށް ޕީއެންސީ ހެދުމުގެ އަމާޒުގައެވެ. މިރޭގެ ޖަލްސާގައި ވާހަކަދެއްކެވި ޕާޓީގެ އެހެން އިސްވެރިންވެސް ވަނީ މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައިވެސް ކުރު މުއްދަތެއްގެ ތެރޭގައި ޕާޓީއަކަށް މިހާ ގިނަ މެންބަރުން އިތުރުވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް