ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި

ހ ހަޅަ
ޚަބަރު 24 Aug 2024

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ.

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެއްޓެވުމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައިވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޖަމްޢިއްޔަތު ތުފޫދުލް ޙަރަމްގެ ރައިސް އަލްއުސްތާޛު ދުކްތޫރު ޙަމްދާން ބިން ޙުމައިދު ބިން ބުރައިކް އައްސުލަމީއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާ ކަންތައްތަކާ ޙާޞިލްކުރައްވަމުން ގެންދަވާ ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވި އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުކަމަށާއި މިއަދުގެ ސަރުކާރަކީ އިސްލާމްދީނަށް ނަޞްރު ދިނުމުގައި ދެމި ތިބޭނެ ސަރުކާރެއްކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިއްމު ބަޔަކީ ދީނީ ޢިލްމުވެރިންކަމަށާއި އެކަންކަމުގައި ޢިލްމުވެރިންގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމަށް ދީނީ ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާކަމަށެވެ. މީގެ އިތުރުން އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބޭއްވޭކަމީ އުފާ ކުރައްވާކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިރޭ ފެށުނު ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ބައިވެރިވެލައްވައެވެ. ޢިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މަޢުޟޫއުތަކަށް ބަޙުޘް ކުރުމާއި ތަފާތު މަޢުޟޫއުތަކަށް ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާގެ ރޭގަނޑުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން – ހިދާޔަތުގެ މަތިވެރި ނޫރުން ދިއްލުނު ޤަރުނުތައް
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ފެންނަން އޮތް އެންމެ މަތިވެރި، އެންމެ ބާއްޖަވެރި އަދި މުޅި ޤައުމުގެ މިސްރާބު ބަދަލުކޮށްލި ތާރީޚީ ހާދިސާއަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތް ޤަބޫލުކުރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން މި ގުނަމުންދަނީ އެ މަތިވެރި ނިޢުމަތުގައި ދިވެހި އުންމަތް ވޭތުކުރި ފަޚުރުވެރި 900 އަހަރުގެ މުއްދަތެވެ. މި ދިގު މާޒީއަކީ އެއްބައިވަންތަކަމާއި، ޙަޟާރަތާއި، ދިވެހިވަންތަކަމުގެ މައިބަދަ ބައްޓަންވެގެން ދިޔަ އަގުހުރި ދައުރެކެވެ.
ޚަބަރު 13 Sep 2026
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026