ހާލު ކިހިނެތް ޕްރޮގރާމް ވިލިމާލޭގައި ފެށުން
ހާލު ކިހިނެތް ޕްރޮގރާމް ވިލިމާލޭގައި ފެށުން

ހާލު ކިހިނެތް؟ ޕްރޮގްރާމް ގެ ތެރެއިން ވިލިމާލެ ގެތަކަށް ޒިޔާރަތް ކުރަން ފަށައިފި

ހ ހަޅަ
ޚަބަރު 07 Aug 2024

ހާލު ކިހިނެތް؟ ޕްރޮގްރާމް ގެ ދަށުން ވިލިމާލޭގައި ހުރިހާ ގެތަކަށް ޒިޔާރަތްކުރަން މިހާރުވަނީ ފަށާފައެވެ. 

އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާއި އެއްގޮތަށް، ރައްޔިތުންގެ ހާލަތު ދެނެގަނެ، ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމާއެކު، އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ ހާލު ކިހިނެއް؟ ޕްރޮގްރާމު ވިލިމާލޭގައި ފަށައިފި އެވެ.

މިއަދު ހަވީރު 4:00 ގައި ވިލިމާލޭގައި މި ޕްރޮގްރާމު ފަށާފައިވާއިރު، ވަޒީރު ޑރ އައިޝަތު ޝިހާމް ވެސް ވަނީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ގެތަކަށް ޒިޔާރަތްކުރައްވާފަ އެވެ.

ވިލިމާލޭގައި މި ޕްރޮގްރާމު ފަށާފައިވާ ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން އެ ކޮމެޓީގެ އެހީތެރިކަމާއެކުގައެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، އެ ވުޒާރާއިން ކުރިއަށް އޮތް ދެ ހަފްތާގައި ވިލިމާލޭގެ ހުރިހާ ގެތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ވިލިމާލޭގައި މި ޕްރޮގްރާމު ފަށާފައިވާއިރު، އެ ވުޒާރާއިން ގެންދަނީ ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ޒިޔާރަތްކުރަމުން ނެވެ.

މި ޕްރޮގްރާމުގެ މަޤްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު މި ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ ވުޒާރާގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ދައުލަތުގެ ޚާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ތާވަލުކުރެވިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައި ވީ ނަމަވެސް، ޚާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުން އަވަސް އެހީތެރިކަން ހޯއްދެވުމަށް މި ވުޒާރާގެ ކޯލް ސެންޓަރުގެ ނަންބަރު 1433 އާއި ގުޅުއްވާ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. އަދި ޚާއްސަ އިސްކަމެއް ދީގެން އެ ގެތަކަށް ޒިޔާރަތްކޮށް އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިވުޒާރާގެ ޓީމްތަކުން ކުރަމުން ގެންދާނެއެވެ.

އެކަކު އަނެކެއްގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި ސިފަތައް ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމާއެކު، ސަރުކާރާއި ރައްޔިތުންނާއި ދެމެދު ގުޅުން ބަދަހިކޮށް އިތުބާރު އުފެއްދުމަކީ މި ޕްރޮގްރާމުން ހާސިލްކުރަން ބޭނުންވާ މުހިންމު ކަންކަމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް: މެޑަމް ސާޖިދާ
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ޚަބަރު 13 Sep 2026
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚަބަރު 12 Sep 2026