ރައީސް އޮފީހުގައި ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި އިސް މަގާމުތަކެއް ފުރުއްވި މ.އެކޯ ޢަބްދުالله ޝަރީފު އަވަހާރަވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި އަދި އިސް މަގާމުތަކެއް ފުރުއްވި މ. އެކޯ ޢަބްދުالله ޝަރީފު އަވަހާރަވެއްޖެއެވެ.
ޢަބްދުالله ޝަރީފު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި އިސް މަގާމުތަކެއް ފުރުއްވި މ.އެކޯ ޢަބްދުالله ޝަރީފު އަވަހާރަވީ ޚަބަރު އެމަނިކުފާނު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި ޢަބްދުالله ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި، މަރްޙޫމްގެ ޢާއިލާއަށް ވަރަށް އިޚުލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.
މަރްޙޫމް ޢަބްދުالله ޝަރީފަކީ 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަނިވެސް 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެމަނިކުފާނު ވަނީ އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައެވެ. ދައުލަތަށް ކޮށްދެއްވި މި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، 2023 ވަނަ އަހަރު އެމަނިކުފާނަށް ވަނީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ވެސް އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ޢަބްދުالله ޝަރީފަކީ ވަރަށް ހިންގުންތެރި، އަދި ވަރަށް އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކޮށްދެއްވި، މަސައްކަތުގެ އަޚުލާޤު ނަމޫނާ ދަރަޖައަކަށް ހިފެހެއްޓެވި ބޭފުޅެކެވެ. އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލައްވަމުން ވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް