ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މިހާރު އެ މަރުކަޒު ހިންގަމުން އަންނަނީ 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބާ ޢިމާރާތެއްގައެވެ. އަދި އެތަނަކީ ޒަމާނީ ބަދަލުތަކަކަށް ނުހަނު ބޭނުންވެފައިވާ ތަނެކެވެ. ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާއެކު، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އެތަނުގެ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް، ޚިދުމަތްތައް ފުޅާކުރެވިގެންދާނެއެވެ. މި އަޕްގްރޭޑް މަޝްރޫޢުގެ ދަށުން އެ މަރުކަޒުގައި އަލަށް އެކޮމޮޑޭޝަން ބްލޮކެއް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ސަރުކާރުން އެ މަރުކަޒުގެ ޒިންމާއާ ޙަވާލުވިއިރު، އެތަނުގައި ވަސީލަތްތަކާއި ޚިދުމަތްތަކުގެ ބޮޑެތި ދަތިތަކެއް ހުރިކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ސަރުކާރުގެ އެންމެ ފުރަތަމަ އިސްކަމަކަށްވީ، އެތަނުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އެނދާއި، ކެއިންބުއިމުގެ އިންތިޒާމުތައް ފަދަ އަސާސީ ކަންކަން ރަނގަޅު ފެންވަރަކަށް ގެނައުމެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުތަކާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ މައިގަނޑު ސިޔާސަތަކީ ފަރުވާ ފުރިހަމަކުރާ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ނެރެދިނުމެވެ. އެގޮތުން މުޖުތަމަޢަށް އެނބުރި ދިއުމުގެ ކުރިން އެފަރާތްތަކަށާއި ޢާއިލާތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ފަރުވާއަށްފަހު ވަޒީފާގެ މައިދާނަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދީ، އަމިއްލަ ފައިމައްޗަށް ތެދުވެ، ކަރާމާތްތެރި ދިރިއުޅުމެއް އުޅުމަށް ބޭނުންވާ އެހީތެރިކަންވެސް އެ މަރުކަޒުން ފޯރުކޮށްދެމުން ގެންދެއެވެ.
މީގެއިތުރުން، ފަރުވާ ފުރިހަމަކުރާ ފަރާތްތަކަކީ ޢާއިލާއަށް އޮތް ބުރައެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ ޤާބިލު ބައެއްގެ ގޮތުގައި ބަލައިގަތުމަށް ޢާއިލާތަކުގެ ވިސްނުން ބަދަލުކުރުމަށްވެސް ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
މިދިޔަ ޖޫން މަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ ޢާއިޝަތު ރަމީލާ ވިދާޅުވީ، ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުންދިޔަ 60 މީހަކު ކާމިޔާބުކަމާއެކު ފަރުވާ ފުރިހަމަކޮށް، އަނބުރާ މުޖުތަމަޢަށް ރުޖޫޢަވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް