އުމްރާނީ މަޝްރޫޢުތަކަށް ކުރާ ހޭދަ އިތުރުވަމުންދާއިރު، ޓީ.ޖީ.އެސް.ޓީ އާމްދަނީން ދައުލަތުގެ ބަޖެޓަށް ބޮޑު ކުރިއެރުމެއް

ހ ހުސައިން އިސްމާއިލް
ޚަބަރު 15 Jun 2026

ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އަށް އައި ކުރިއެރުމާއެކު، 2026 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ބުނެފިއެވެ.

މި ރިޕޯޓުގައިވާ ގޮތުން، 04 ޖޫން 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު ވަނީ 19.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 17.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާ ނުވަތަ 10.1 އިންސައްތަ އިތުރު އަދަދެކެވެ. މިއީ ރާއްޖޭގެ މައިގަނޑު އިޤްތިޞާދީ ހަރަކާތްތަކުން ލިބޭ އާމްދަނީ މެދުނުކެނޑި ކުރިއަރަމުންދާކަން ހާމަކޮށްދޭ ހެއްކެކެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. އެގޮތުން 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 04 ޖޫން 2026 ގެ ނިޔަލަށް މި އަހަރު އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 12.4 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ.

މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 6.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 7.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިއަން ރުފިޔާއިން 2.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ޚަރަދުތަކަށް ބަލާއިރު، 04 ޖޫން 2026 ގެ ނިޔަލަށް ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމްލަ އަކީ 19.2 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17.6 އިންސައްތަ އިތުރު އަދަދެކެވެ. މިގޮތުން މަގުތަކާއި ފާލަން އަދި އެއާޕޯޓް ފަދަ އުމްރާނީ މަޝްރޫޢުތަކަށް ކުރާ ހޭދަ އަކީ ބަޖެޓުގެ ބޮޑު ބައެއް ހިއްސާކުރާ ކަންކަމެވެ. މިއަހަރުގެ މިހާތަނަށް މިފަދަ މަޝްރޫޢުތަކަށް 818.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ޕީއެސްއައިޕީގެ ޚަރަދުތަކުގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ސަބްސިޑީތަކަށް ކުރާ ޚަރަދު، 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މިއަހަރު ބޮޑުކަން ފާހަގަކުރެވެއެވެ. އެގޮތުން 04 ޖޫން  2025 ގެ ނިޔަލަށް ސަބްސިޑީއަށް 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރު މި މުއްދަތުގައި 2.3 ބިލިއަން ރުފިޔާ ހިނގައި ގާތްގަނޑަކަށް ދެގުނަ ވެފައިވެއެވެ.

މި ތަފާސްހިސާބުތަކުން ދޭހަވަނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީއާއެކު ދައުލަތުގެ މާލީ ދުޅަހެޔޮކަން އިތުރުވަމުންދާ ކަމެވެ. އަދި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ އަގު އުފުލުނަ ނުދީ ހިފަހައްޓާފައިވުމުގެ ސަބަބުން ސަބްސިޑީތަކަށް ދައުލަތުން ކުރާ ޚަރަދު ބޮޑުވެފައިވާކަމެވެ. އެހެން ނަމަވެސް، އުމްރާނީ ތަރައްޤީއާއި ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދައުލަތުން ކުރާ އިންވެސްޓްމަންޓްތައް މެދުނުކެނޑި ކުރިއަށްދާކަމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026