މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
މާލޭގައި މިވަގުތު ކުރިއަށްގެންދާ އެންމެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މި މަޝްރޫޢަކީ، މާލޭގެ މައި މާރުކޭޓުތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި މި އަހަރުގެ މާރިޗު މަހު ޓްރަސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި އައު އިމާރާތް ބިނާކުރުމަށް ހަމަޖެހިފައިވަނީ މިހާރު ލޯކަލް މާރުކޭޓު ހިންގަމުންދާ ބިމުގައެވެ.
ދަޢުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބު ވިދާޅުވީ، ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ވަގުތީ މާރުކޭޓެއް ޤާއިމުކޮށް، ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި ލޯކަލް މާރުކޭޓުގެ ބިން އެއްކޮށް ހުސްކުރެވޭނެ ކަމަށެވެ. އެގޮތުން ވަގުތީ މާރުކޭޓު އެޅުމަށް އެސްޓީއޯގެ ކުރީގެ ސައިޓާއި ތައިސޭކޮށި ބޭނުންކުރުމާމެދު މިހާރު ވިސްނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުމްލަ 126.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އެއް އަހަރާއި އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ކޮމްޕްލެކްސް ބިނާކުރަނީ 15,525 އަކަފޫޓުގެ ބިމެއްގައި، ހަ ފަންގިފިލާއަށް، ޖުމްލަ 95,000 އަކަފޫޓަށްވުރެ ބޮޑު ޖާގައަކާ އެކުގައެވެ.
މަސްމާރުކޭޓާއި ލޯކަލް މާރުކޭޓުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެވޭ މި ޒަމާނީ އިމާރާތުގައި ޖުމްލަ 455 ގޮޅި ހުންނާނެއެވެ. މީގެއިތުރުން، އިމާރާތުގެ ބޭސްމަންޓުގައި 400 ސައިކަލް ޕާކް ކުރެވޭނެ ޖާގަ ހިމެނޭއިރު، އެންމެ މަތީ ފަންގިފިލާ ޚާއްޞަކުރެވިފައިވަނީ ކެފޭ އަދި ރެސްޓޯރަންޓްތަކާއެކު ފުޑް ކޯޓެއް ހިންގުމަށެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ މާރުކޭޓު ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށާއި ޚިދުމަތް ދޭ ފަރާތްތަކަށް ލުއިފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމެވެ. މި މަސައްކަތުގެ ދަށުން އެ ސަރަޙައްދުގެ މަގުތައް ޒަމާނީ ފެންވަރަށް މިހާރު ހަދާފައިވާއިރު، ބަނދަރުގެ ޚިދުމަތްތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް