ހޮރްމޫޒް ކަނޑުއޮޅީގައި އާގުބޯޓެއް ނުދެވިފައި
ހޮރްމޫޒް ކަނޑުއޮޅީގައި އާގުބޯޓެއް ނުދެވިފައި

ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށްޓަކައި ބައިނަލްއަގުވާމީ އެހީތެރިކަމަށް އެމެރިކާއިން އެދެން ފަށައިފި

ހ ހަޅަ
ދުނިޔެ 30 Apr 2026

ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށްޓަކައި ބައިނަލްއަގުވާމީ އެހީތެރިކަމަށް އެމެރިކާއިން އެދެން ފަށައިފިއެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް ފެނިފައިވާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޭބަލްއެއްގައިވާ ގޮތުން، ދުނިޔެއަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމާއެކު، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ބައިނަލްއަގުވާމީ އިއްތިހާދެއް އެކުލަވާލުމުގެ މަސައްކަތް އެމެރިކާއިން ދަނީ ބާރަށް ކުރަމުންނެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާއެކު ފެށުނު ހަނގުރާމައަށް ދެ މަސް ދުވަސް ވެފައިވާއިރު، ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ސަޕްލައި ކުރާ މުހިންމު ކަނޑުއޮޅި އަދިވެސް އޮތީ ބަންދުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލި، އިގްތިސާދީ ހީނަރުކަމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މި މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އޭޕްރީލް 8 ވަނަ ދުވަހުން ފެށިގެން ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، އީރާނުގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުވުމަށް އެމެރިކާގެ ކަނޑުގެ ސިފައިން ދީފައިވާ ބްލޮކޭޑަށް ރައްދު ދިނުމުގެ ގޮތުން އީރާނުން އަދިވެސް ދަނީ ކަނޑުއޮޅި ބަންދުކޮށްގެން ހިފަހައްޓަމުންނެވެ.

އެކްސިއޯސް ނިއުސް ސައިޓުން ބުދަ ދުވަހުގެ ރޭ ރިޕޯޓްކޮށްފައިވާ ގޮތުގައި، ނިއުކްލިއާ މަޝްވަރާތަކުގައި އީރާނުން ދޫދޭނެ ކަމުގެ އުންމީދުގައި، އެ ގައުމަށް އަލުން އަސްކަރީ ހަމަލާތަކެއް ދިނުމުގެ ރޭވުންތަކާ ގުޅޭ މައުލޫމާތު ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޚަބަރާއެކު ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު އެއް ފަހަރާ 126 ޑޮލަރަށްވުރެ މައްޗަށް އެރިއެވެ. މިއީ ރަޝިޔާއިން ޔޫކްރޭނަށް އެރުމާ ގުޅިގެން 2022 ވަނަ އަހަރުގެ މާރިޗު މަހަށްފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން މަސައްކަތް ކުރަނީ މަސްރަހު ގޯސްވިޔަ ނުދިނުމަށް

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށި ފަހުން ބްރެންޓް ކްރޫޑްގެ އަގު ވަނީ ދެގުނަ އުފުލިފައެވެ. މީގެ ސަބަބުން ތަކެތީގެ އަގު އުފުލި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތެޔޮ ވިއްކާ އަގުތައް ވަނީ ސިޔާސީ ގޮތުން ނުތަނަވަސްކަން އުފެދޭ މިންވަރަށް މަތިވެފައެވެ.

އީރާނާ ގުޅުންހުރި އުޅަނދުތައް އެމެރިކާއިން ހިފަހައްޓަމުންދާ ދިއުމާ ގުޅިގެން، ބުދަ ދުވަހު ތެހެރާނުން ވަނީ "މީގެ ކުރިން ފެނިފައިނުވާ ފަދަ އަސްކަރީ ފިޔަވަޅުތަކެއް" އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. މި އިންޒާރާއި އެމެރިކާއިން އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު އޮތުމުން، އެތައް ހާސް ބަޔަކު މަރުވެފައިވާ މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ތެޔޮ ސަޕްލައިއަށް އިތުރު ބުރޫއަރާފާނެ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

އެކްސިއޯސްގެ ރިޕޯޓުގައިވާ ގޮތުން، ޑޮނަލްޑް ޓްރަމްޕާ ހިއްސާކުރަން ހަމަޖެހިފައިވާ އަނެއް ރޭވުމަކީ، ވިޔަފާރި އުޅަނދުފަހަރަށް މަގު ހުޅުވައިދިނުމަށްޓަކައި ހޮރްމޫޒް ކަނޑުއޮޅީގެ ބައެއް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމެވެ. އަދި މި އޮޕަރޭޝަނުގައި އެއްގަމު ސިފައިން ބޭނުންކުރުން އެކަށީގެންވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ހަނގުރާމަ ހުއްޓާލާ ހާލަތަކަށްވެސް އެމެރިކާއިން ތައްޔާރުވަމުންދާ ކަމުގެ ނިޝާނެއްގެ ގޮތުން، ސްޓޭޓް ޑިޕާޓްމަންޓުގެ ކޭބަލް މެދުވެރިކޮށް ވަނީ "މެރިޓައިމް ފްރީޑަމް ކޮންސްޓްރަކްޓް" (އެމް.އެފް.ސީ) ގެ ނަމުގައި އުފައްދާ އާ އިއްތިހާދާ ގުޅުމަށް ބައިވެރި ގައުމުތަކަށް ދައުވަތު ދީފައެވެ. މިއީ އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ކަނޑުއޮޅިން ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް އުފައްދާ އިއްތިހާދެކެވެ.

މޭ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ބައިވެރި ގައުމުތަކަށް ދިނުމަށް ތައްޔާރުކޮށްފައިވާ މި ކޭބަލްގައި ބުނެފައިވަނީ، އެމް.އެފް.ސީ އަކީ ހަނގުރާމައަށްފަހު މެދުއިރުމަތީގެ ކަނޑުގެ ސަލާމަތީ އޮނިގަނޑު ގާއިމުކުރުމަށް އެޅޭ މުހިންމު ފުރަތަމަ ފިޔަވަޅު ކަމަށެވެ.

ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް އަދި އެހެން ބައެއް ގައުމުތަކުން މި އިއްތިހާދުގައި ބައިވެރިވުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވީ ނަމަވެސް، އެ ގައުމުތަކުން ބުނެފައިވަނީ ކަނޑުއޮޅި ހުޅުވުމަށް އެހީތެރިވާނީ ހަނގުރާމަ އެއްކޮށް ނިމުމުން ކަމަށެވެ.

މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ މަސްދަރަކުން ބުދަ ދުވަހު ބުނި ގޮތުގައި، ދެ ފަރާތުގެ މެދުގައި އެއްބަސްވުމަކަށް އައުމަށް މެސެޖުތައް ބަދަލުކުރަމުންދާއިރު، ޕާކިސްތާނުން މަސައްކަތް ކުރަނީ މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށެވެ. އީރާނަށް ނިއުކްލިއާ ހަތިޔާރު ނުއުފެއްދޭނެ ކަމަށް ޓްރަމްޕް ވިދާޅުވަމުންދާއިރު، އީރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ މަސައްކަތްތަކަކީ ސުލްހަވެރި ބޭނުންތަކަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ.

އޭޕްރީލް 8 އިން ފެށިގެން މެދުކަނޑާލާފައިވާ ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުމުގައި ވަނީ، ހަނގުރާމަ ރަސްމީކޮށް ނިމި، ކަނޑުދަތުރުފަތުރުގެ މައްސަލަތައް ހައްލުވަންދެން ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް މަޑުޖައްސާލުމަށެވެ.

ނަމަވެސް، މިއީ މަޝްވަރާތަކުގެ ކުރީކޮޅު ނިއުކްލިއާ މައްސަލައަށް ހައްލެއް ހޯދުމަށް ޓްރަމްޕް ކުރައްވާ ޝަރުތާ އެއްގޮތް ހުށަހެޅުމެއް ނޫނެވެ.

ޕާކިސްތާނުގެ މަސްދަރުން ބުނި ގޮތުގައި، އީރާނުގެ ހުށަހެޅުމާ ގުޅޭގޮތުން އެމެރިކާއިން ވަނީ އެ ގައުމުގެ "ނުކުތާތައް" ހިއްސާކޮށްފައެވެ. އަދި މިހާރު އޮތީ އީރާނުން އެއަށް ޖަވާބު ދިނުމުގެ މަރުހަލާގައެވެ. "ހަފުތާ ނިމެންދެން އީރާނުން ވަނީ ވަގުތަށް އެދިފައި،" އެ މަސްދަރުން ރޮއިޓާސްއަށް ކިޔައިދިނެވެ.

އީރާނުން ބޭނުންވަނީ، މަދަނީ ބޭނުންތަކަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގު އެމެރިކާއިން ގަބޫލުކުރުމަށެވެ. އީރާނުގައި މިހާރުވެސް 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ 440 ކިލޯގްރާމްގެ ޔުރޭނިއަމް އެބަހުއްޓެވެ. މިއީ އިތުރަށް މުއްސަނދިކޮށްފިނަމަ އެތައް ނިއުކްލިއާ ހަތިޔާރެއް އުފެއްދުމަށް ބޭނުންކުރެވިދާނެ މިންވަރެކެވެ.

މިހާތަނަށް ހިނގަމުންދާ ހަނގުރާމައަށް އެމެރިކާގެ އަސްކަރިއްޔާއިން 25 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ޕެންޓަގަންގެ އިސް އޮފިޝަލަކު ބުދަ ދުވަހު ވިދާޅުވެއްޖެއެވެ. މިއީ މި ހަނގުރާމައަށް ހިނގި ޚަރަދާ ގުޅޭގޮތުން އެމެރިކާ ސަރުކާރުން ރަސްމީކޮށް ހާމަކުރި ފުރަތަމަ އަންދާޒާއެވެ.

އީރާނުގެ އިގްތިސާދީ ހާލަތަށް ބަލާއިރު، އެ ގައުމުގެ ފައިސާގެ އަގު ބުދަ ދުވަހު ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައެވެ. އަދި އޭޕްރިލް މަހުގެ 20 ވަނަ ދުވަހާ ހަމައަށް އެ ގައުމުގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލިފައިވާ މިންވަރު ހުރީ 65.8 އިންސައްތައިގައެވެ.

ހަނގުރާމަ ފެށުނު ފަހުން އީރާނުން މަދުވެގެން 21 މީހަކަށް މަރުގެ އަދަބު ދީފައިވާ ކަމަށާއި، ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގައި 4،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އދ. ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކަރ ތާކް ބުދަ ދުވަހު ވިދާޅުވިއެވެ.

އީރާނުގެ މަޖިލީހުގެ ރައީސް އަދި އެ ގައުމުގެ އެންމެ އިސް ނެގޯޝިއޭޓަރު މުޙައްމަދު ބާގިރު ގާލީބާފް ބުދަ ދުވަހު ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވަނީ އީރާނުގެ ރައްޔިތުން ބައިބައިކޮށް، ބްލޮކޭޑް ނުވަތަ ބަންދުތަކުގެ ޒަރީއާއިން އީރާނު ކަކޫޖެއްސުމަށް ކަމަށެވެ.

އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ކުރިއަށް އޮތް މަސްތަކަށް އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި، އޭގެ ސަބަބުން ކުރާނެ އަސަރުތައް ކުޑަކުރާނެ ގޮތްތަކާ ގުޅޭގޮތުން ޓްރަމްޕް އަންގާރަ ދުވަހު އެމެރިކާގެ ތެޔޮ ކުންފުނިތަކާ މަޝްވަރާ ކުރެއްވި ކަމަށް ވައިޓް ހައުސްއިން ބުދަ ދުވަހު ވަނީ ހާމަކޮށްފައެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންގެ އެންގެވުމަކަށް، ޓްރަމްޕް އެއްފަރާތުން ކާމިޔާބީ އިޢުލާން ކުރައްވައިފިނަމަ އީރާނުން އަމަލުކުރާނެ ގޮތްތައް އެމެރިކާގެ އިންޓެލިޖެންސް އެޖެންސީތަކުން ދިރާސާ ކުރަމުންދާ ކަމަށް އެމެރިކާގެ ދެ އޮފިޝަލަކާއި މިކަމުގެ މައުލޫމާތު ހުރި ފަރާތަކުން މި ހަފުތާގައި ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ނިމި، ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވުމާއެކު، އެ ޕާޓީގެ "އެތެރެ ފަނިވެފައިވާ" މިންވަރު މުޅި ޤައުމަށް ހާމަވެގެން ގޮސްފިއެވެ.
ރިޕޯޓް 13 Jun 2026
ދ. މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ސުހާ ކާމިޔާބުކުރައްވައިފި
ދ. މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ސުހާ ކާމިޔާބުކުރައްވައިފި
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ރަށު ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދައިފިއެވެ.
ޚަބަރު 13 Jun 2026
ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު
ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު
ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަން ނައްތާލައި، ނަޒާހަތްތެރިކަން ގާއިމުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޚަބަރު 13 Jun 2026
ދިފާޢީ ވަޒީރު އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި
ދިފާޢީ ވަޒީރު އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި
ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވަޒީރު އޮނަރަބަލް ޙަސަން ރަޝީދު، އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގައި ޤާއިމްކޮށްފައިވާ އެއަރ ސްޓޭޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޚަބަރު 13 Jun 2026