ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިޓޯޓޮކްސިކް ކުނި ނައްތާލާ މަރުކަޒެއް އައްޑޫ ސިޓީގައި ގާއިމުކުރަނީ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 20 Aug 2026

ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ ކީމޯތެރަޕީގެ ސަބަބުން އުފެދޭ ނުރައްކާތެރި ކުނި ރައްކާތެރިކަމާއެކު ނައްތާލުމަށްޓަކައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޚާއްސަ "ސައިޓޯޓޮކްސިކް ވޭސްޓް ޓްރީޓްމަންޓް އެންޑް ސްޓޯރޭޖް ފެސިލިޓީ" އެއް އައްޑޫ ސިޓީގައި ގާއިމުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފިއެވެ.

މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި އެއްބަސްވުމުގެ ދަށުން މިނިސްޓްރީން މަޝްރޫޢު ވިލަރެސްކުރާއިރު، އޭއީއެޗުން ސައިޓޯޓޮކްސިކް ކުނި ރައްކާތެރިކަމާއެކު އެއްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ. އަދި މި މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ އަދާކުރާނީ ވެމްކޯއިންނެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި 2019 ވަނަ އަހަރުން ފެށިގެން ކީމޯތެރަޕީގެ ޚިދުމަތް ދެމުން އަންނައިރު، މިފަދަ ކުނި ރައްކާތެރިކަމާއެކު ނައްތާލެވޭނެ ނިޒާމެއް ނެތުމުގެ ސަބަބުން މިހާތަނަށް ގާތްގަނޑަކަށް 70 ކިލޯގެ ސައިޓޯޓޮކްސިކް ކުނި ވަނީ އެ ހޮސްޕިޓަލުގައި ޖަމާވެފައެވެ. މި މަޝްރޫޢުގެ ސަބަބުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

ސައިޓޯޓޮކްސިކް ކުންޏަކީ މުއްދަތު ހަމަވެފައިވާ ނުވަތަ ބޭނުންނުކޮށް ހުންނަ ކީމޯތެރަޕީ ބޭހާއި، އެ ބޭސް ތައްޔާރުކުރުމަށާއި ބޭނުންކުރުމަށް އެހީތެރިވެދޭ ތަކެއްޗެވެ. މި ބޭސްތަކަކީ ކެންސަރު ސެލްތައް ނައްތާލުމަށް އުފައްދާފައިވާ އެއްޗަކަށް ވުމުން، މިފަދަ ކުންޏަށް ހުށަހެޅުމަކީ ސިއްހީ ޚިދުމަތްތެރިންނާއި ކުނި އުކާލާ ފަރާތްތަކުގެ ދުޅަހެޔޮ ސެލްތަކަށް ވެސް ގެއްލުންވެދާނެ ކަމެކެވެ. މީގެ އިތުރުން ރައްކާތެރި ނޫން ގޮތުގައި މިފަދަ ކުނި އުކާލުމުން ބިމަށާއި ފެނަށް ނުރައްކާތެރި ކެމިކަލްތައް ފެތުރުމުގެ ފުރުސަތު އޮވެއެވެ.

މިއީ ރާއްޖޭގައި މިފަދަ މަރުކަޒެއް ގާއިމުކުރެވޭ ފުރަތަމަ ފަހަރު ކަމަށްވާތީ، މި މަޝްރޫޢުގެ ސަބަބުން ސައިޓޯޓޮކްސިކް ކުނި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުމަށް މަގުފަހިވާނެއެވެ. އަދި މި މަރުކަޒުން ލިބޭ ތަޖުރިބާގެ އަލީގައި، ރާއްޖޭގެ އެހެނިހެން ސިއްހީ މަރުކަޒުތަކަށް ކުރިމަތިވެފައިވާ މިފަދަ މައްސަލަތަކަށް ދުރުރާސްތާ ހައްލުތަކެއް ހޯދުމަށް ފަސޭހަވެގެންދާނެއެވެ.

މި މަޝްރޫޢަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) އިންނެވެ. އެއީ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕާސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް (ޕޮޕްސް) ގެ ދަށުން ރާއްޖޭގެ ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން މުރާޖައާކޮށް އަދާހަމަކުރުމުގެ މަޝްރޫޢުގެ ތެރެއިންނެވެ. މީގެ އިތުރުން ފަންނީ އެހީތެރިކަން ލިބެނީ "އެލިމިނޭޓިންގ ޕޮޕްސް ތުރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫޢުގެ ދަށުންނެވެ.

މި މަސައްކަތުގެ ސަބަބުން، ރައްކާތެރި ނޫން ގޮތުގައި ކުނި ނައްތާލުމުގެ ތެރޭގައި ޖައްވަށް ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތައް މަދުކުރުމަށް ބާރުލިބޭނެއެވެ. ސިއްހީ ކުނި އެންދުމަކީ ޑައިއޮކްސިން އަދި ފިއުރަން ފަދަ ވިހަ މާއްދާތައް ޖައްވަށް ބޭރުވާ ކަމެކެވެ. މި މާއްދާތަކަކީ ތިމާވެށީގައި ގިނަ ދުވަހު ހުންނަ އަދި ވައިގެ ތެރެއިންނާއި ފެނުގެ ޒަރީއާއިން ދިރުންތަކަށް ގެއްލުންދޭ މާއްދާތަކެކެވެ.

މީގެ އިތުރުން، ނުރައްކާތެރި ކެމިކަލާއި ކުނި ވަގުތީ ގޮތުން ރައްކާކުރާ މަރުކަޒެއް ގާއިމުކުރުމަށްޓަކައި އައްޑޫ ސިޓީ ހިތަދޫން މިހާރު ވަނީ ބިން ވެސް ހަވާލުކޮށްފައެވެ. އަދި މި އަހަރުގެ ތެރޭގައި އެތަނުގެ އިމާރާތްކުރުމުގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފެށޭނެ ކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫޢުތަކަކީ ރާއްޖޭގައި ސިއްހީ ޚިދުމަތްތައް ފުޅާވަމުން އަންނައިރު، ނުރައްކާތެރި ކެމިކަލާއި ސިއްހީ ކުނި ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކޮށް، ސިއްހީ ދާއިރާގެ މުވައްޒަފުންނާއި، ކުނި ނައްތާލުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންނާއި ތިމާވެއްޓަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރެއްވުމެވެ.
ޚަބަރު 25 Aug 2026
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
މި ޒިޔާރަތަކީ ތިލަފުށީގައި މިހާރު ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، ކުންޏާއި ވަސީލަތްތައް ބެލެހެއްޓުމުގައި ބޭނުންކުރަމުންދާ ނިޒާމުތަކާއި އިޖުރާއަތްތައް ގާތުން ބައްލަވައި، އެކަންކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެކެވެ.
ޚަބަރު 25 Aug 2026
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
އަދި ޕްރޮމޯޝަނަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލުކުރެވުނު ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް، ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޚަބަރު 24 Aug 2026
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވީ 26 ނޮވެމްބަރު 2026 ގައެވެ. އިމާރާތް ކުރިއަށްދަނީ ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައެވެ.
ޚަބަރު 24 Aug 2026