އައު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް އުސޫލުތަކަށް ކޮމްޕްލައިވުމަށް އިލްތިމާސްކޮށްފި
ފޮރިން އިންވެސްޓްމަންޓްގެ އައު އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ބޭރުގެ ފަރާތްތަކަށް ވިޔަފާރިކުރުން ބަންދުކުރެވިފައިވާ ދާއިރާތަކުން ކަނޑައެޅިފައިވާ މުއްދަތުގައި އެގްޒިޓްވުމަށް އިޤްތިޞާދީ ވުޒާރާއިން ހަނދާންކޮށްދީފިއެވެ. 3 ސެޕްޓެންބަރު 2024 ގައި ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން، މިނިސްޓްރީން ވަނީ 8 އޮކްޓޯބަރު 2025 ގައި ފޮރިން އިންވެސްޓްމަންޓްގެ އައު ދާއިރާތައް އިޢުލާނުކޮށްފައެވެ.
މިހާރު ޢަމަލުކުރަމުންދާ އުސޫލުތަކުގެ ދަށުން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ އިތުރުން ކާގޯ ސޭލްސް އޭޖެންޓް، ޖެނެރަލް ސޭލްސް އޭޖެންޓް އަދި ޕަސެންޖަރ ސޭލްސް އޭޖެންޓްގެ ޚިދުމަތްތަކަކީ ހަމައެކަނި ދިވެހިންނަށް ޚާއްޞަކުރެވި، ބޭރުގެ ފަރާތްތަކަށް ބަންދުކުރެވިފައިވާ ދާއިރާތަކެކެވެ. މި ދާއިރާތަކުގައި ކުރިން ދޫކޮށްފައިވާ ހުއްދަތަކުގެ ދަށުން ޙަރަކާތްތެރިވާ ބޭރު ކުންފުނިތަކުން 8 އޮކްޓޯބަރު 2026 ގެ ނިޔަލަށް ވިޔަފާރިކުރުން ހުއްޓާލަން ޖެހޭނެއެވެ.
ގުޅޭގޮތް ނުވެގެން އިއުލާނުކުރި ކުންފުނިތައް
އައު އުސޫލުތަކަށް ކޮމްޕްލައިވާންޖެހޭ ބައެއް ކުންފުނިތަކާ ފޯނުންނާއި އީމެއިލް މެދުވެރިކޮށް ގުޅުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމާ ގުޅިގެން، މިނިސްޓްރީން ވަނީ 8 ކުންފުންޏެއްގެ ނަން ޢާންމުކޮށްފައެވެ. އެ ކުންފުނިތަކަކީ:
މެގަ ސްޕީޑްލައިނަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0022/1994)
އެސްލިޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (C-0266/1995)
އައިސޯލާ ކްރިއޭޝަން (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0217/1995)
ދީނަމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (C-0017/1985)
ލެމިންޓަންސް ޖުވެލްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0375/1996)
އެމް.ޔޫ.ކޭ އެޕަރެލްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0079/1998)
ލަކްޖެމްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (C-0201/1999)
އޯޝަން ވެލް ގާމެންޓްސް ޕްރައިވެޓް ލިމިޓެޑް (C-142/2000)
މި ކުންފުނިތަކުގެ ޑައިރެކްޓަރުން، ހިއްސާދާރުން ނުވަތަ ހުއްދަދެވިފައިވާ މަންދޫބުން އިންވެސްޓް މޯލްޑިވްސްއަށް ގުޅުއްވައި، އިންތިޤާލީ މަރުޙަލާގެ ޝަރުޠުތައް ކަށަވަރުކުރުމަށާއި، އައު އުސޫލުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
މިނިސްޓްރީގެ މައިގަނޑު މަޤްޞަދަކީ މި އިންތިޤާލީ މަރުޙަލާގައި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ފޯރުކޮށްދިނުން ކަމަށްވާއިރު، ޓްރާންސިޝަން އެރޭންޖްމަންޓްތަކާ ގުޅޭ ފިޔަވަޅުތައް އެޅުމުގައި ލަސްނުކޮށް މިނިސްޓްރީއާ ގުޅައިގެން ކުރިއަށް ގެންދިއުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް