ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތު ކުރިއަށް ނެރުމަކީ ހިޖުރީ އައު އަހަރުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު- ރައީސުލްޖުމްހޫރިއްޔާ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 15 Jun 2026

ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ ހިޖުރީ އައު އަހަރުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

މި މުނާސަބަތުގެ ތަހުނިޔާއާ މުބާރަކްބާދު ދިވެހި ރައްޔިތުންނާ އަދި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިއްބެވި އުޚުއްވަތްތެރި މުސްލިމުންނަށް ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހިޖުރައިގެ މަތިވެރި ތާރީޚުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އެމަނިކުފާނުގެ ޚިޠާބުގައި، މީގެ ސާދަސަތޭކައަށްވުރެ ގިނަ އަހަރު ކުރިން މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި، އެކަލޭގެފާނުގެ އަޞްޙާބުން މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއިން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ، ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކެތްތެރިކަމާއެކު އިލާހީ މަގުގައި ސާބިތުވެ ތިބުމުން ނުކުންނާނެ ފޮނި ނަތީޖާކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި، ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އަދި މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންޞާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫޙު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ދިރުވަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އަތުގުޅާލައިގެންކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި މުޖުތަމަޢު އިސްލާހުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް، ހިތާއި ނަފްސުން ހިޖުރަކުރުމަށް ޢަޒުމް ކަނޑައެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، އަދި އެންމެ މުހިންމު އެއް އަމާޒަކީ، އިސްލާމީ ޞައްޙަ ޢަޤީދާގެ ބިންގަލުގެ މަތީގައި، އަދި ދިވެހިވަންތަ ރިވެތި އަޚުލާޤުގެ މަތީގައި ބޮޑުވާ، ދީނާއި ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. ދިވެހީންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަހުދަތަކީ، އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރުކަން ފާހަގަކުރައްވައި، އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، ހުރިހާ ރައްޔިތުންނަށް ޢަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ފެށުނު އާ އަހަރަކީ، އިޤްތިޞާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުސަތެއް ކަމަށާއި މިއަދު ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ، އާ އީޖާދުތަކާއެކު، ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްކޮށް އެކަންކަމަށް ކުރިމަތިލައިގެންކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. މި ޚިޠާބުގައި، ހިޖްރީ އައު އަހަރަކާ ބައްދަލުކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކުރުމުގައި ދެމިތިއްބެވުމަށް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ މި ފެށުނު ހިޖުރީ އާ އަހަރަކީ، ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް ބާއްޖަވެރި، އަމާން، އަދި ފާގަތި އަހަރެއް ކަމުގައި ލައްވައި، އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކުރައްވައި، ގައުމަށް ކުރިއެރުމާއި ތަނަވަސްކަން މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

މި މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި އެމަނިކުފާނު ވަނީ، މި ފެށޭ އާ އަހަރަކީ، ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރުމުގެ މުނާސަބާ ދިވެހީންނާ ބައްދަލުކުރާނޭ އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި މި މެސެޖުގައި، އިސްލާމްކަމުގެ ނިޢުމަތުގައި މި ދިވެހި ޤައުމު އެތައް ސަތޭކަ އަހަރަކަށް ލެހެއްޓެވީތީ މާތް ﷲ އަށް ޙަމްދުކުރައްވައި، މި އަހަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށްމެ ބަރަކާތާއި ރަޙްމަތުން ފުރިގެންވާ އަހަރަކަށް ވުން އެދި ދުޢާކުރައްވާފައިވެއެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ އެކްސްގައި މެސެޖެއް ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި، ނިމިދިޔަ އަހަރު ދިވެހި ޤައުމާއި ރައްޔިތުންނަށް ދެއްވި ނިޢުމަތްތަކަށް ޙަމްދާއި ޝުކުރުއަދާކުރައްވައި، މި ފެށޭ އަހަރު، ހެވާއި ލާބައިގައި ދިވެހިން ޝާމިލުކުރެއްވުން އެދިވަޑައިގެން އެކަމަނާ ދުޢާ ކުރައްވާފައިވެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
25ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި
25ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި
25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
ޚަބަރު 16 Sep 2026
މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފި
މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އިސްލާމްދީނުގެ އެންމެ މާތްވެގެންވާ މުޤައްދަސް ސިޓީގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތުގެ ހިތްތަކަށް ލިބޭ ފުން އަނިޔާއެކެވެ.
ޚަބަރު 16 Sep 2026
ޕީއެންސީގެ ވެރިންނަށް ސަރުކާރުގެ އަދާހަމަތައް އެނގުން މުހިންމު: މުންދު
ޕީއެންސީގެ ވެރިންނަށް ސަރުކާރުގެ އަދާހަމަތައް އެނގުން މުހިންމު: މުންދު
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރޝިޕާއި އެކި ދާއިރާތަކުގެ އިސްވެރިންނަށް ސަރުކާރުގެ މަޝްރޫޢުތަކުގެ އަދާހަމަތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އެނގުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އެ ޕާޓީގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޚަބަރު 16 Sep 2026
ޤާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
ޤާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، 16 ސެޕްޓެމްބަރު 2026 ގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ.
ޚަބަރު 16 Sep 2026