ފީފާ ވޯލްޑް ކަޕް ސްޕެއިން ކާމިޔާބުކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ފޮނުއްވައިފި
ފީފާ ވޯލްޑް ކަޕް 2026 ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމުން ކާމިޔާބުކުރުމާ ގުޅިގެން، އެ ގައުމުގެ ރަސްގެފާނު ހިޒް މެޖަސްޓީ ފެލީޕޭ 6 ވަނައަށާއި، ބޮޑުވަޒީރު ހިޒް އެކްސެލަންސީ ޕޭދްރޯ ސަންޗެޘަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބޮޑު ކާމިޔާބީއަކީ ސްޕެއިންގެ ޓީމުގެ ހުނަރާއި، ބުރަ މަސައްކަތުގެ އިތުރުން ކުޅިވަރުގެ ރޫހު ދައްކުވައިދޭ ހެއްކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ފުޓުބޯޅައަކީ ދިވެހިންގެ މެދުގައި ނުހަނު މަގުބޫލު ކުޅިވަރެއްކަން ފާހަގަކުރައްވަމުން، ސްޕެއިން ޓީމަކީ ދިވެހި ސަޕޯޓަރުންގެ މެދުގައި ވަރަށް ބޮޑު ލޯތްބެއް ލިބިފައިވާ ޓީމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އުފާވެރި މުނާސަބަތު މުޅި ރާއްޖޭގައި ފާހަގަކުރަމުންދާ ކަމަށާއި، މި ކާމިޔާބީގެ ސަބަބުން ރާއްޖެއާއި ސްޕެއިނާ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސްޕެއިންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަކޮށް ސްޕެއިންގެ ފަތުރުވެރިންގެ ފަރާތުން ދިވެހި އިގްތިސާދަށް ލިބޭ ކުރިއެރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ސްޕެއިންގެ ރައްޔިތުންނަށް ދާއިމީ ސުލްހަވެރިކަމާއި، ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެން ދުއާ ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް