ދ. އަތޮޅުގައި އިބަމަ ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

ދ. އަތޮޅުގައި އިބަމަ ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

ހ ހަޅަ
ޚަބަރު 08 Sep 2024

ނިލަންދެ އަތޮޅު ދެކުނުބުރީގެ ރަށްތަކުގައި އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގެ ގްރޫޕްތައް އުފެއްދުމަށްޓަކައި ބާއްވާ އިބްތިދާއީ ތަމްރީނު ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގެ ތިއަރީ ބައި ކުރިއަށްދާނީ ދ. ކުޑަހުވަދޫގައެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގައި ހިމެނޭ ޢަމަލީ މަސައްކަތުގެ ބައި ކުރިއަށްދާނީ ދ. އަތޮޅުގެ އެކި ރަށްރަށުގައެވެ. މި ޕްރޮގްރާމްގައި ދ. އަތޮޅުގައި ހިމެނޭ ހަ ރަށުން ޖުމްލަ 42 ފަރާތެއް ބައިވެރިވެފައިވެއެވެ.

ޔުނިސެފްގެ އެހީގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގައި އިބަމަ ގްރޫޕްތައް ރަށްރަށުގައި ޤާއިމުކުރުމުގެ ބޭނުމާއި، އިބަމައިގައި ހިމެނޭ މެންބަރުންގެ ޒިންމާއާއި، އަދާކުރަންޖެހޭ ދައުރާއި، އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އިބަމައިގައި ހިމެނޭ މެންބަރުން ސަމާލުކަންދޭންވީ ކަންކަމާއި އަދި އިބަމައިގެ މުހިންމު މަފްހޫމްތަކާ ގުޅޭގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

އެއާއެކު، ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެފަރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި އިބަމައިގެ މެންބަރުންނަށް ކުރެވޭނެ ކަންކަމާއި، އެ މަސައްކަތްތައް ކުރުމަށް މެންބަރުންނަށް ބޭނުންވާނެ ތަފާތު އެކި ހުނަރާއި ގުޅޭގޮތުންވެސް މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން ހަމަ މި ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ފަރާތްތަކުގެ ހާލަތު ވަޒަންކުރާނެ ގޮތާއި، ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތުވެސް ބައިވެރިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދ. އަތޮޅުގެ ރަށްރަށުގައި އިބަމަ ގްރޫޕްތައް އުފެއްދުމަށްޓަކައި މި ބާއްވާ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ތިން ދުވަހު ކުރިއަށްގެންދެވޭ ތިއަރީ ބައި ނިމުމުން ވުޒާރާގެ ފަރާތުން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ކުޑަހުވަދޫއަށް ދަތުރުކުރި ޓީމުގެ މެންބަރުންނާއެކު، ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވި އިބަމަ މެންބަރުން އެ މެންބަރުން ނިސްބަތްވާ ރަށްރަށަށް ގޮސް އެ ރަށްރަށުގައި ތިބި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް ތައްޔާރުކުރާ ޕްލޭން އެކުލަވާލުމުގެ ޢަމަލީ މަސައްކަތް ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ދ. އަތޮޅުގެ ހުރިހާ ރަށެއްގައި މި ހަފުތާގެ ތެރޭގައި ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިބަމަ ގްރޫޕްތައް ދ. އަތޮޅުގައި ޤާއިމުކުރުމަށް މިހާރު ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް އިންތިޒާމުކުރުމުގައި ދ. އަތޮޅު ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް އަންނަނީ ލިބެމުންނެވެ.

މިއީ އިޖުތިމާޢީ ބަދަހި މަދަދުވެރިންގެ ގްރޫޕްތައް އުފެއްދުމަށްޓަކައި މި ވުޒާރާގެ ފަރާތުން އިބަމަ އިބްތިދާޢީ ޕްރޮގްރާމް ކުރިއަށްގެންދާ 16 ވަނަ އަތޮޅެވެ. މި ޕްރޮގްރާމް މިހާތަނަށް ކުރިއަށް ނުގެންދެވި އޮތް އަތޮޅުތަކަކީ ބ، ކ، އއ އަދި ތ އެވެ. މީގެ ތެރެއިން މި ޕްރޮގްރާމް ދެން އެންމެ އަވަހަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ ބ. އަތޮޅުގައެވެ.

އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޔޫކްރެއިނާއި ޕޮލެންޑް ގުޅޭ ބޯޑަރު ކައިރިއަށް ރަޝިޔާއިން އާދީއްތަ ދުވަހު ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ހިނގައްޖެއެވެ.
ދުނިޔެ 13 Sep 2026
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގައި ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަޙައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެއްޖެއެވެ.
ދުނިޔެ 13 Sep 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.
ޚަބަރު 13 Sep 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026