ލޭ ހަދިޔާކުރާ ފަރާތްތަކުން ވަނީ ފުރާނަ ސަލާމަތްކުރުމުގައި އަގުނުކުރެވޭފަދަ ޚިދުމަތެއް ކޮށްދީފައި: ރައީސް މުޢިއްޒު
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި، އެއްވެސް ބަދަލަކާ ނުލައި ދީލަތިކަމާއެކު ލޭ ހަދިޔާކުރާ ފަރާތްތަކުން ކުރާ އަގުނުކުރެވޭފަދަ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޚާއްޞަ މެސެޖެއް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސް މެދުވެރިކޮށް ދެއްވި މެސެޖުގައި ވިދާޅުވީ، ލޭ ހަދިޔާކުރާ ފަރާތްތަކުން ކުރާ އެ މަތިވެރި މަސައްކަތަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށެވެ. އަދި އުމުރުދުވަހަށް ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، ކުއްލި ހާލަތްތަކުގައި ފަރުވާ ބޭނުންވާ ބަލިމީހުންނަށް އެންމެ ބޭނުންޖެހޭ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމުގައި މިފަދަ ދީލަތި އެހީތެރިންގެ ދައުރު ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ކިތަންމެ ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ލެޔަކީ އޭގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރެވޭނެ އެއްޗެއް ނޫންކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށާއި، ޞިއްޙީ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމުގެ އިތުރުން ގައުމީ ކުއްލި ހާލަތްތަކަށް ތައްޔާރުވެފައި އޮތުމަށްޓަކައި، އަމިއްލަ އިސްނެގުމުގެ މަތިން ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް، ކުއްލި ޞިއްޙީ ފަރުވާ ބޭނުންވާ ވަގުތުތަކުގައި ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަންތައް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ލޭ ހަދިޔާކުރުމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫޙު އާލާކޮށް، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކުގައި މަސައްކަތްކުރުމުގެ ސަގާފަތެއް ބިނާކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ލޭ ހަދިޔާކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، ރައްކާތެރި ލޭ ލިބުމުގެ މުހިންމުކަމާ މެދު މީހުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް