އެމް.އައި.ބީ އިން ކެންދޫގައި ބެހެއްޓި އޭޓީއެމްއަކީ ސަރުކާރުގެ ފައިނޭންޝަލް އިންކްލޫޝަން އެޖެންޑާ ކުރިއެރުވުމުގެ ފިޔަވަޅެއް: މިނިސްޓަރ ޒަރީރު
ބ. ކެންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ އޭޓީއެމެއް ހުޅުވިގެން ދިއުމަކީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް އަސާސީ މާލީ ޚިދުމަތްތައް ފުޅާކޮށް ފޯރުކޮށްދިނުމުގެ ދަތުރުގައި އެޅިގެން ދިޔަ ފިޔަވަޅެއް ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ކެންދޫގައި އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ޒަރީރު ވިދާޅުވީ، ކެންދޫ ރައްޔިތުންނަށް މިހާރު އެހެން ރަށަކަށް ދަތުރު ނުކޮށް، ފައިސާ ނެގުމާއި ޖަމާ ކުރުން ފަދަ ޚިދުމަތްތައް ލިބިގަތުމުގެ ފުރުސަތު ތަނަވަސްވެގެންގޮސްފައިވާ ކަމަށެވެ.
އެ ރަށަކީ ބ. އަތޮޅުގެ އުތުރު ކޮޅުގައި، މާލެ އިން 130 ކިލޯ މީޓަރަށް ވުރެ ދުރުގައި ވާ ރަށެއްކަން ފާހަގަ ކުރައްވަމުން، އެ ރަށާއި މާލެއާ ހުރި ދުރުމިނަކީ ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ތަފާތު ވާންޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވިއެވެ.
ހުރިހާ ރަށެއްގައި އިގުތިސާދީ ހަރަކާތްތައް ހަރުދަނާ ކުރުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް ކަމަށް ވިދާޅުވެ، ޑިސެމްބަރ 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ 2026–2030 ގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.
އެ ސިޔާސަތު ގެ ފަސް މައި ތަނބުގެ ތެރޭގައި ޝަރީއަތާ އެއްގޮތްވާ ގޮތުން ހިންގޭ އިސްލާމިކް ފައިނޭންސް ހިމެނޭކަން ފާހަގަ ކުރައްވަމުން، ފައިނޭންސިންގއަށް ވާސިލްވުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ފުޅާ ކުރުމާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ފައިނޭންޝަލް ނިޒާމެއް ބިނާ ކުރުމާއި، ކަސްޓަމަރުންގެ ހާލަތު ރަނގަޅު ކުރުމާއި، ފައިނޭންޝަލް ލިޓަރަސީ ކުރިއެރުވުން ވެސް ސްޓްރެޓެޖީގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސްޓްރެޓެޖީ އެކުލަވާލުމަށް ކުރި ދިރާސާތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، މާލީ ހިދުމަތްތައް ތައާރަފު ކުރިކަމުގައިވިޔަސް، ރައްޔިތުންނަށް އެ ހިދުމަތްތަކުގެ ބޭނުން ފުރިހަމައަށް ހިފެމުން ނުދާކަމަށެވެ. މި ދިރާސާއިން ދައްކާ ގޮތުގައި، ދިވެހި އަންހެނުންގެ 14 އިންސައްތަ އާއި ފިރިހެނުންގެ 5 އިންސައްތަ ބޭންކިން ނިޒާމުގެ ބޭރުގައި ތިބިއިރު، އިންޓަނެޓް ބޭންކިން ބޭނުން ކުރަނީ އުމުރުން ދުވަސްވީ ފަރާތްތަކުގެ ތެރެއިން އެންމެ 38 އިންސައްތަ ކަމަށެވެ.
"މިކަމުން އަންގައިދެނީ މާލީ ހިދުމަތްތަކުގެ ފުރިހަމަ ބޭނުން ރައްޔިތުން ހިފާ މިންވަރު އިތުރުކުރުމުގެ ޖާގަ އެބައޮތްކަން،" މިނިސްޓަރ ވިދާޅުވިއެވެ.
ފައިނޭންޝަލް ލިޓަރަސީ ކުރިއެރުވުމަށާއި ކަސްޓަމަރުން ބާރުވެރި ކުރުވުމަށް، ސަރުކާރުން އެމް.އައި.ބީ ފަދަ މާލީ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި، ލިބެން ހުރި ބޭންކިން ޚިދުމަތްތަކުގެ ފުރިހަމަ ބޭނުން ހިފޭ ފަދަ ގޮތަށް ރައްޔިތުންނަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ދެމި ތިބޭނެ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް