ކުދި ޖަޒީރާ ޤައުމުތަކަކީ އީޖާދާއި ވިޔަފާރީގެ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ގޮވާލައްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 24 Aug 2026

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަކީ، ހަމައެކަނި މޫސުމީ ނާޒުކުކަން ބޮޑު ޤައުމުތަކެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ އީޖާދާއި ވިޔަފާރީގެ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ މި ހިނގާ އޮގަސްޓު މަހުގެ 23 އިން 25 އަށް ދިވެހިރާއްޖޭގައި ކުރިއަށްގެންދާ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމް" ގެ އިފުތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެށީގެ ނާޒުކު ކަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ވާހަކައިގެ އެންމެ ބާބެއް ކަމަށާއި، އެ ވާހަކައިގެ ބާކީ ބައިގައި އޮތީ އެ ޤައުމުތަކުގައިވާ ހިންމަތްތެރިކަމުގެ ވާހަކަތައް ކަމަށެވެ. އެގޮތުން ކުދި ޖަޒީރާ ޤައުމުތަކަކީ އެ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް އުފެއްދުންތެރިކަމަށް ބަދަލުކުރާ، ހުރަސްތައް އީޖާދީ ޚިޔާލުތަކަށް ބަދަލުކުރާ އަދި ޖަޒީރާތަކުގެ ދެމެދުގައިވާ ދުރުމިން ގާތްކަމަށް ބަދަލުކުރާ ޤައުމުތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ކުދި ޖަޒީރާ ޤައުމުތަކުގެ ހިންމަތްތެރިކަން އެންމެ ބޮޑަށް ފެންނަނީ ޕްރައިވެޓް ސެކްޓަރުންނެވެ. ޚާއްޞަކޮށް، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން (އެމް.އެސް.އެމް.އީ ތައް) ވެފައިވަނީ، ސަރުކާރުތަކުން ޙައްލު ހޯދަން އުނދަގޫވާ މައްސަލަތަކަށް ޢަމަލީ ޙައްލު ހޯދައިދީ، އިޤުތިޞާދުތަކަށް ބާރުދޭ އިންޖީނުތަކަކަށެވެ. އަދި މިފަދަ ޤައުމުތަކުގެ ކުޑަކަމަކީވެސް ފައިދާ ހޯދިދާނޭ ކަމެއްކަން ފާހަގަކުރައްވައި، އެ ޤައުމުތަކަކީ ފަންނިއްޔާތާއި، އީޖާދުތައް ތަޙުލީލުކުރާ ލެބޯޓަރީތަކަކަށް ހެދިދާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ސުމޭކު (ޑިޖިޓަލް) ގުޅުންތަކަކީ މިއަދު ހަމައެކަނި މުވާސަލާތީ ކަމެއް ނޫން ކަމަށާއި، އެއީ ވިޔަފާރި އާއި މާލީ ޚިދުމަތްތަކާއި، ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތަށް ބާރުދޭ އިޤުތިޞާދީ މައި ބިނާރުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ޖޯގުރަފީ ގޮންޖެހުންތަކުން އަރައިގަތުމަށް "މޯލްޑިވްސް 2.0" ގެ އެޖެންޑާ މެދުވެރިކޮށް ޑިޖިޓަލް ފަންނިއްޔާތު ބޭނުންކުރަމުންދާކަން ރައީސް ހާމަކުރެއްވިއެވެ.

ރާއްޖޭގައި ކުރިއަށްދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ޒުވާން ވިޔަފާރިވެރިންނާއި، އަންހެނުން އިސްވެ ކުރާ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، ޒަމާނީ ފޮރިން އިންވެސްޓްމަންޓް ޤާނޫނާއި، 2027 ގައި ޤާއިމުކުރާ ޓްރޭޑް އެކްސެލެރޭޝަން ޒޯނުގެ އިތުރުން ލޮޖިސްޓިކްސް އަދި ފްލޯޓިންގ ސޯލާގެ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ޖަޒީރާތަކުގެ އުންމީދީ ޚިޔާލުތައް ބާޒާރުތަކާ ގުޅުވައިދޭ މަރުކަޒީ މަންސައެއްގެ ގޮތުގައި ޖީ.ބީ.އެން ތަރައްޤީކުރުމަށް، އދ. ގެ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓެޓިވް (ޔޫ.އެން-އޯ.އެޗް.އާރް.އެލް.އެލް.އެސް) އަށް ގޮވާލައްވަމުންނެވެ.

މި ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތުގައި ސިޑްސް ތަމްސީލުކުރައްވާ ވަޒީރުންނާއި، ބޭރުގެ އިސް އޮފިޝަލުންނާއި ޑިޕްލޮމެޓުން އަދި ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފޯރަމާއި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ބައެއް ޤައުމުތަކުގެ އިސް ވެރިން ވަނީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

އެގޮތުން ޓުވާލޫގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފައިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް، އޮނަރަބްލް ޕަނަޕާސީ ނެލެސޯނޭ ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސިޑްސް ޤައުމުތަކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި ތިމާވެށީގެ ނާޒުކު ހާލަތްތަކާއި، ކްލައިމެޓް ފައިނޭންސިންގ އާއި ދެމެހެއްޓެނެވި އިންވެސްޓްމަންޓްތަކުގެ އިތުރުން ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ މުހިންމުކަމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، ޕަލާއޫގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ކަލްޗަރ، ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް، އޮނަރަބްލް ޏިގިރައިބެލަސް ތުމެތުޗުލް ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޒިޔާރަތްކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކާއި، ދެމެހެއްޓެނެވި ފަތުރުވެރިކަމުގެ ދާއިރާއިން ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ބައިނަލްއަޤްވާމީ މަސްރަހުގައި ސިޑްސް ޤައުމުތަކުން ކުރާ ވަކާލާތު ވަރުގަދަކުރުމުގައި ޕަލާއޫއާއެކު ގާތުން މަސައްކަތްކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސް ތަކުރާރުކުރެއްވިއެވެ.

އޮގަސްޓް 23 އިން 25 އަށް ރާއްޖޭގައި ކުރިއަށްދާ މި ފޯރަމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އެހީދޭ ފަރާތްތަކާއި ދިރާސާވެރިންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރެއްވުމެވެ.
ޚަބަރު 25 Aug 2026
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
މި ޒިޔާރަތަކީ ތިލަފުށީގައި މިހާރު ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، ކުންޏާއި ވަސީލަތްތައް ބެލެހެއްޓުމުގައި ބޭނުންކުރަމުންދާ ނިޒާމުތަކާއި އިޖުރާއަތްތައް ގާތުން ބައްލަވައި، އެކަންކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެކެވެ.
ޚަބަރު 25 Aug 2026
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
އަދި ޕްރޮމޯޝަނަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލުކުރެވުނު ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް، ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޚަބަރު 24 Aug 2026
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވީ 26 ނޮވެމްބަރު 2026 ގައެވެ. އިމާރާތް ކުރިއަށްދަނީ ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައެވެ.
ޚަބަރު 24 Aug 2026