ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ރާއްޖޭގައި ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތެއް ބޭއްވުމާ ގުޅޭގޮތުން ސަޢޫދީ ޢަރަބިއްޔާއާއެކު މަޝްވަރާކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 20 Aug 2026

ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޤުރްއާން މުބާރާތެއް ބޭއްވުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޢަބްދުއްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލް-ޝައިޚްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު ޑރ. ޝަހީމް ސަޢޫދީ ޢަރަބިއްޔާއަށް މި ދަތުރުފުޅު ކުރައްވަނީ އެ ޤައުމުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ޚާއްޞަ ދަޢުވަތަކަށެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ އިސްލާމީ ދާއިރާ ކުރިއެރުވުމަށް ގިނަ ކަންތައްތަކަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން، ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޤުރްއާން މުބާރާތެއް ބޭއްވުމަށް ސަޢޫދީގެ އެހީތެރިކަމަށް އެދިވަޑައިގެންފައިވާނެ ކަމަށާއި، އަދި މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތަކަށް ހެދުމަށް މަޝްވަރާކުރެވުނު ކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއާމެދު ބަހައްޓަވާ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވައި، ދެ ޙަރަމްފުޅުގެ ޚާދިމް، ސަޢޫދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި، ވަލީޢަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ރާއްޖެއަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ދެ ޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެ ބޭފުޅުން ކުރައްވާ މަސައްކަތްޕުޅުތަކަށް ވަޒީރު ތަޢުރީފުކުރެއްވިއެވެ.

ވަޒީރު ޑރ. ޝަހީމް ވަނީ އެމަނިކުފާނަށް ސަޢޫދީން ދެންނެވި ހޫނު މަރުޙަބާއަށާއި ދަޢުވަތަށްޓަކައި އެ ޤައުމުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ އިސްލާމީ ވުޒާރާގެ ދެމެދުގައިވާ ގުޅުން ހަރުދަނާކުރުމަށާއި އިސްލާމްދީނުގެ ޚިދުމަތުގައި ސަޢޫދީން ދެއްވާ އެއްބާރުލުން ވެސް ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން މީސްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ދެ ޤައުމަށްވެސް ފާގަތި ދުވަސްތަކަކަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސަޢޫދީގެ ރަސްގެފާނާއި ވަލީޢަހުދުގެ އިރުޝާދުގެ ދަށުންނާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 17 މާރިޗު 1981 ގައެވެ. އޭގެފަހުން ދެ ޤައުމުގެ ދެމެދުގައި އަބަދުވެސް އޮންނަނީ ވަރަށް ގާތް، އެކުވެރި ގުޅުމެކެވެ. ރާއްޖޭގެ ދީނީ ކަންކަން ކުރިއެރުވުމުގެ އިތުރުން، ދިވެހިން ޙައްޖުގެ އަޅުކަން އަދާކުރުމުގައި ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައާއި، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މާލީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަޢޫދީ ޢަރަބިއްޔާއަކީ އަބަދުވެސް ފާހަގަކޮށްލެވޭ މުހިންމު ބައިވެރިއެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރެއްވުމެވެ.
ޚަބަރު 25 Aug 2026
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
މި ޒިޔާރަތަކީ ތިލަފުށީގައި މިހާރު ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، ކުންޏާއި ވަސީލަތްތައް ބެލެހެއްޓުމުގައި ބޭނުންކުރަމުންދާ ނިޒާމުތަކާއި އިޖުރާއަތްތައް ގާތުން ބައްލަވައި، އެކަންކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެކެވެ.
ޚަބަރު 25 Aug 2026
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
އަދި ޕްރޮމޯޝަނަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލުކުރެވުނު ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް، ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޚަބަރު 24 Aug 2026
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވީ 26 ނޮވެމްބަރު 2026 ގައެވެ. އިމާރާތް ކުރިއަށްދަނީ ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައެވެ.
ޚަބަރު 24 Aug 2026