މިޤައުމަކީ އިޤްތިޞާދީގޮތުން ވިލުންތެރި، ތަރައްޤީ ހާސިލުކުރެވޭ ވަރުގަދަ ޤައުމަކަށް ވެގެންދިއުމަކީ އިޤްތިޞާދަށް އިންވެސްޓުކުރާނެ ފަރާތްތައް އިތުރުވާނެކަމެއް: ރައީސުލްޖުމްހޫރިއްޔާ

މިޤައުމަކީ އިޤްތިޞާދީގޮތުން ވިލުންތެރި، ތަރައްޤީ ހާސިލުކުރެވޭ ވަރުގަދަ ޤައުމަކަށް ވެގެންދިއުމަކީ އިޤްތިޞާދަށް އިންވެސްޓުކުރާނެ ފަރާތްތައް އިތުރުވާނެކަމެއް: ރައީސުލްޖުމްހޫރިއްޔާ

ހ ހަޅަ
ޚަބަރު 05 Nov 2025

ދިވެހިރާއްޖެެއަކީ އިޤްތިޞާދީގޮތުން ވިލުންތެރި، ތަރައްޤީ ހާސިލުކުރެވޭ ވަރުގަދަ ޤައުމަކަށް ވެގެންދިއުމަކީ އިޤްތިޞާދަށް އިންވެސްޓުކުރާނެ ފަރާތްތައް އިތުރުވާނެކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅުކަމަށްވާ، ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީއަށް ވަޑައިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އެއަރ ކޯރގެ ގަން އެއަރ ސްޓޭޝަން އިފްތިތާޙްކޮށްދެއްވުމަށް އައްޑޫސިޓީ ގަމުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ އެ ޤައުމަކީ އަމާން ތަނެއްގެ ގޮތުގައި އެ އިންވެސްޓަރުންނަށް ޤަބޫލުކުރެވިގެންކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ލަޔާޤަތާއި ޤާބިލުކަން އެމަގުން ގާއިމުކުރެވިފައިވާ ކަމަށް ޤަބޫލުކުރެވޭވަރު އިތުރުވާ މިންވަރަކަށް، މިޤައުމުގެ އިޤްތިޞާދުވެސް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެހެންވެއްޖެނަމަ އިޤްތިޞާދަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް ދާނީ އިތުރުވަމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ތަރައްޤީވެފައިވާ އިސްލާމީ ޢަރަބި ޤައުމުތަކުން ތަރައްޤީ ހާސިލުކުރާގޮތަށް ބަލާއިރު، މިއީ އެ ޤައުމުތަކުންވެސް ކަންކަން ކުރަމުންދިޔަ އަދި ކުރަމުންދާވެސް ގޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ޤައުމިއްޔަތު ހިމާޔަތްކުރެވި، އިސްލާމީ ވަޙުދަތު ކަށަވަރުކުރެވި، އަޅުގަނޑުމެންގެ ޤައުމު އިޤްތިޞާދީގޮތުން ހުޅުވާލުމަށްޓަކައި މިކުރެވޭ މަސައްކަތުގައި، މި ޤައުމުގައި ވަރުގަދަ އަސްކަރިއްޔާއެއް، ޤައުމީ ދިފާޢީ ބާރުގައި ޤާއިމުވެފައިވާ އޮތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި އިންސާނީ ވަޞީލަތް ގާއިމުކުރުމުގެ ގޮތުން މި ކުރެވޭ ކަންކަމަކީވެސް އެގޮތަށް ކުރެވޭ ކަންކަން ކަމަށާއި މި މަރުކަޒުގައިވެސް ދާދި އަވަހަށް ޓްރެއިނިންގ ފެސިލިޓީ ގާއިމުކުރެވި، ތަމްރީނުތައް ފެށިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން ގިރިފުށީގައިވެސް ބިންހިއްކުމާއި އެއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރެވެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ގިރިފުށީގެ އިތުރަށް މާފިލާފުށީގެ ތަރައްޤީގެ މަސައްކަތްތައްވެސް ކުރިއަށްދާކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޝަނަލް ސަރވިސް ޕްރޮގްރާމު ފެށި، އެ ޕްރޮގްރާމުގައި އަންނަ އަހަރު ބައިވެރިވާ ކުދިންގެ ޢަދަދު އެތައް ގުނައަކުން އިތުރުވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިންނަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމަކުރުމުގެ ގޮތުން، މާލޭގައި ހުރި އެކި މަރުކަޒުތަކުގައި ޢިމާރާތްތައް ގާއިމުކުރުންފަދަ ކަންކަމަށް، މިއަންނަ އަހަރަށް ބަޖެޓުކުރެވިފައިވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިކަންކަން ކުރައްވަމުންގެންދަވަނީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ބިނާކުރެވޭ، ގާއިމުކުރެވޭ، ވަރަށް މުހިންމު ކަންކަމުގެ ގޮތުގައި ޤަބޫލުފުޅުކުރެއްވޭތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަންކަން ކާމިޔާބުވެގެންދިއުން ވާނީ، ދިވެހިރާއްޖެ މިނިވަން، މުސްތަޤިއްލު، ތަރައްޤީ ހާސިލުވަމުންދާ، ތަރައްޤީ ވެފައިވާ ޤައުމަކަށް ހެދުމަށް ކުރައްވާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަމަށް ކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެހާސް ސާޅީސް ވަނަ އަހަރާއި ހަމައަށްދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ގުނާލެވޭނީ ހަމަ ޔަޤީނުންވެސް ޤައުމުގައި ހުރިހާ ދާއިރާއަކުންވެސް ވަރުގަދަ އަސްކަރީ ބާރެއް އޮވެގެންކަމުގައި ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަންނަ އަހަރަކީ އަސްކަރިއްޔާ ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ހިންގަވާނެ އަހަރެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އަންނަ އަހަރަކީ އަސްކަރިއްޔާގެ އެއަރ ކޯރއަށް އަސްކަރީ މަތިންދާބޯޓުތައް ހޯއްދެވުމާއި އަދި އެފަދަ ގިނަ ކަންކަން ކުރައްވަން ރާއްވަވާފައިވާ އަހަރެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ސައިބަރ ވޯފެއަރއަށް ޤައުމީ ދިފާޢީ ބާރުގެ ކެޕޭސިޓީ އިތުރުކުރުމާއި، ޓޯޓަލް ޑިފެންސް އީކޯސިސްޓަމެއް ގާއިމުކުރުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ހުރިހާ ގޮތަކުންވެސް ވަށާޖެހޭ މިޒަމާނުގެ ޓެކްނޮލޮޖީ ލިބިފައިވާ، ހުރިހާ މާނައެއްގައިވެސް ޤައުމު ހިމާޔަތްކޮށް، ޤައުމު ދިފާޢުކުރަންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ކުރީ ސަފުގައި، އެންމެ ވަރުގަދައަށް، މަސައްކަތް ކުރެވޭނެވަރުގެ ކެޕޭސިޓީ ގާއިމުވެފައިވާ ތަނަކަށް ހައްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވަނީ އެމް.އެން.ޑީ.އެފް. ގެ އެއަރ ކޯރގެ ގަން އެއަރ ސްޓޭޝަން އިފްތިތާޙްކޮށްދެއްވައި، ޚިދުމަތް ފައްޓަވައިދެއްވާފައެވެ. މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެސަރަހައްދު ބައްލަވާލައްވައި، ގަން އެއަރ ސްޓޭޝަންގެ އޮޕަރޭޝަން ރޫމާއި ސިމިއުލޭޓަރ ރޫމް ބައްލަވާލައްވައި، ގްރޫޕް ފޮޓޯފުޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދެވީ 15 މާރިޗު 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 5/2024 އިންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޔޫކްރެއިނާއި ޕޮލެންޑް ގުޅޭ ބޯޑަރު ކައިރިއަށް ރަޝިޔާއިން އާދީއްތަ ދުވަހު ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ހިނގައްޖެއެވެ.
ދުނިޔެ 13 Sep 2026
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގައި ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަޙައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެއްޖެއެވެ.
ދުނިޔެ 13 Sep 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.
ޚަބަރު 13 Sep 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026