ދިފާޢީ ޚިދުމަތްތައް ހަރުދަނާކޮށް ވަރުގަދަކުރުމަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި އިޚްލާސްތެރިކަމާއެކު ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެ - ރައީސް

ހ ހުސައިން އިސްމާއިލް
ޚަބަރު 29 Jun 2026

ދިފާޢީ ޚިދުމަތްތައް ހަރުދަނާކޮށް ވަރުގަދަކުރުމަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި އިޚްލާސްތެރިކަމާއެކު ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި، ޒުވާނުންގެ މަރުކަޒު ހޯލުގައި އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ދުވަހަކުމެ ޤައުމުގެ ހަމަޖެހުން ދަމަހައްޓާ، ދިވެހި ޤައުމުގެ ތަންފީޒީ ބާރުގެ ގޮތުގައި ފުލުހުން ދެއްވާ ޚިދުމަތަކީ ވަރަށް ވަރުގަދަ ޤައުމީ ޚިދުމަތެއް ކަމަށާއި، ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުން ވެވަޑައިގަންނަވަނީ ވަރުގަދަ ޤުރުބާނީއެއް ކަމުގައި ސިފަކުރެއްވިއެވެ.

ހަމަމިއާއެކު، އެތައް އަހަރެއްވަންދެން މޫލަމުންދިޔަ، ނުރަނގަޅު އެތައް އާދައަކުން މުޖުތަމަޢު ސަލާމަތްކޮށް، ހަމަޖެހުމާއި ރައްކާތެރިކަން ޤާއިމުކުރުމުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސާސާގެ ހައިސިއްޔަތުން، ގިނަ މަސައްކަތްތަކެއް ދިވެހި ފުލުހުން ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިމަސައްކަތްތައް ކުރިއަށް ގެންދަވަނީ އެތައް ގޮންޖެހުމަކާއެކުގައި ކަމަށާ، ނަމަވެސް ހިތްހަމަޖެހިވަޑައިގެން ފުރިހަމަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެއްވާ، ރައްޔިތުންވެސް ބަލައިގަންނަ ފަދަ ޚިދުމަތެއް ދިވެހި ފުލުހުންގެ ފަރާތުން ލިބެމުންދާނެކަން ކަށަވަރުކުރުމަށްޓަކައި ކުރައްވަންޖެހިވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އެގޮތުން، ޤާނޫނީ ބަދަލުތައް ގެނައުން ކަމުގައިވިޔަސް، ނުވަތަ ޒަމާނީ އުމްރާނީ ބަދަލުތަކާއި، އިންސާނީ ވަސީލަތުގެ ތަރައްޤީ ފަދަ ދާއިރާތަކުން ކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަމަށާ، އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ދ.ވާނީގައި ހިންގާ ފުލުހުންގެ ތަމްރީނުދޭ މަރުކަޒަކީ އެންމެ ޒަމާނީ ފެންވަރުގައި ތަމްރީނުދެވޭ ތަނަކަށް ހައްދަވާނެކަމުގައިވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. ހަމަމިއާއެކު، ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ފުލުހުންގެ ޚިދުމަތްތައް ދެވޭނެ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށް މިހާރު ކުރިއަށްދާ މަޝްރޫޢުތައް، އަންނަ އަހަރުތެރޭގައި ނިންމާލުމަކީ އަމާޒެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުން ކުރައްވާ ގުނާ ޢަދަދުނުކުރެވޭހާ ގިނަ މަސައްކަތްތަކަކީ، މާނަހުރި، ދާއިމީ ބަދަލެއް މުޖުތަމަޢަށް އަންނާނެ ކަންތައްތަކެއް ކަމަށާއި، އެއީ އިޚްލާސްތެރިކަމާއި، ހެޔޮނިޔަތާ، ޤައުމީ ލޯތްބާއެކު ކުރައްވާ ކަމަކަށް އެކަންކަން ވާތީކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ބޯހިޔާވަހިކަމުގައި އިތުރު ފަހި ފުރުޞަތުތައް ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތުކަމުގައި ވިދާޅުވެ، އަމަލީ ގޮތެއްގައި ރަނގަޅު ނަތީޖާތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަންދެއްވަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރުމަށް ރޭ އޮތް ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ ހާސިލުކުރެއްވި ފުލުހުންނަށް، ކުލަ ހަވާލުކޮށްދެއްވާ، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލުކުރެއްވި ފުލުހުންނަށް މެޑަލް ހަވާލުކޮށްދެއްވާފައެވެ. އަދި ދިގު މުއްދަތެއް ވަންދެން މުއައްސަސާއަށް ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ހަނދާނީ ފިލާ ހަވާލުކޮށްދެއްވާ، ދިވެހި ޤައުމަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަގުނުކުރެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ހަނދާނީ ފިލާ ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަތެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ރަސްމިއްޔާތަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް "އޮނަރ ގަރޑް"އެއް ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި، މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން، ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރިފައި ވަނީ މިއަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026