2 އަހަރު ދުވަހުގެ ތެރޭގައި ބޮޑު މިސްކިތުގެ މަސައްކަތް ނިންމަނީ
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބާތާއި ގުޅިގެން ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މި މިސްކިތަކީ މަދުވެގެން 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އަދި އަންހެން ބޭފުޅުންނަށްވެސް ނަމާދުކުރުމަށް ޚާއްސަ ޖާގަތަކެއް އެކުލެވޭ ގޮތަށް ބިނާކުރެވޭ މިސްކިތެކެވެ.
ވިހި އަހަރުވީ ތަޞައްވުރެއް ޙަޤީޤަތަކަށް
މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ ހުޅުމާލޭގައި މިފަދަ ބޮޑު މިސްކިތެއް ބިނާކުރުމުގެ ވިސްނުމަކީ މީގެ ވިހި އަހަރު ކުރިން ފެށިގެން ހުޅުމާލޭގެ ތަޞައްވުރުގައި އޮތް ކަމެއް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މިވަރުގެ މިސްކިތެއް އެޅުމަށް ކަނޑައެޅުނީ މިހާރު ހުޅުމާލެ ފޭސް އެކެއްގެ ސެންޓްރަލް ޕާކުގެ ގޮތުގައި ބޭނުންކުރާ ސަރަޙައްދުގެ ބައެއް ކަމަށާއި، މީގެ ދިހަވަރަކަށް އަހަރު ކުރިންވެސް ބޭރުގެ އެކިއެކި ފަރާތްތަކާ ވާހަކަ ދެކެވުނު ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢު ޙަޤީޤަތަކަށް ހެއްދެވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އަހައްމިއްޔަތުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، "މިފަހަރު މި ތަޞައްވުރު ކާމިޔާބުވެގެން މި ދިޔައީ އަޅުގަނޑުމެންގެ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިކަމަށް ދެއްވި ޚާއްސަ އަހައްމިއްޔަތުކަމެއްގެ ސަބަބުންކަން އެއީ މިއަދު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާކަމެއް،" ކަމަށެވެ. އަދި އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި މި އަހަރު މިފަދަ މިސްކިތެއްގެ މަސައްކަތް ފައްޓަވާނެކަމަށް އިޢުލާންކުރެއްވިކަން ވަޒީރު ހަނދާން އާކުރެއްވިއެވެ.
އެހީތެރިކަމާއި އިސްލާމީ ޙަޟާރަތުގެ މަރުކަޒު
މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަދި މުޅި ޓީމުގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނަމުގައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ސައުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ފަރާތުން މިފަދަ ކަންކަމުގައި ލިބިވަޑައިގަންނަވާ އެއްބާރުލެއްވުމަށްވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މި މިސްކިތާއެކު ޤާއިމުކުރެވޭ އިސްލާމީ ޙަޟާރަތާ ބެހޭ މަރުކަޒާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްވެގެންދިޔަ ގޮތާއި 900 އަހަރު ވަންދެން ރާއްޖޭގެ އިސްލާމީ ޙަޟާރަތު ތަރައްޤީވެގެން އައި ގޮތް ކިޔައިދޭނެ ހޯލްތަކާއި ކޮޓަރިތައް އެތަނުގައި ބިނާކުރެވޭނެ ކަމަށެވެ. އަދި މި ތަން ވެގެންދާނީ ފަތުރުވެރިންނަށްވެސް ޒިޔާރަތްކުރެވޭ ފަދަ ގޮތަކަށް ޑިޒައިން ކުރެވިގެންދާ މަރުކަޒަކަށެވެ.
މަސައްކަތް ނިންމުމުގެ އަމާޒު
މަޝްރޫޢުގެ ތާވަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، "އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ ﷲގެ ތަނަވަސް ރަޙްމަތާ އެކުގައި ދެ އަހަރުދުވަހުގެ ތެރޭގައި، ގިނަވެގެން ދެ އަހަރުދުވަހުގެ ތެރޭގައި މި މިސްކިތުގެ ބައި ނިންމުން،" ކަމަށެވެ. އަދި މިސްކިތާއެކު ވަޤުފް މަޝްރޫޢުތަކެއް ރޭވިފައިވީ ނަމަވެސް، ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ހުރުމާއެކު އެ ބައި ކުރިއަށް ގެންދާނީ ވަކިން ކަމަށް ވިދާޅުވިއެވެ.
ނިންމާލައްވަމުން ވަޒީރު ވިދާޅުވީ، މިފަދަ ޤައުމީ މުހިންމު މަސައްކަތްތައް ކާމިޔާބުވާނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށާއި، މިސްކިތުގެ ބައި އަވަހަށް ފަށައި އަވަހަށް ނިންމުމަށް ޢަޒުމާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް